އިންޓަރ-ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
އައިޕީޔޫގެ 152 ވަނަ ބައްދަލުވުގައި ބައިވެރިވެ ވަޑައިގެންނެވުމަށް މަޖިލީހުގެ ރައީސް ތުރުކީވިލާތުގެ އިސްތަންބުލަށް ފުރާ ވަޑައިގެންނެވީ، މި މަހުގެ 13ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އަރިހުގައި ބައެއް މަޖިލިސް މެންބަރުންނާއި އަމީން އާންމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަޖިލީހުގެ ރައީސް ވަނީ، މި ބައްދަލުވުމުގައި ތަޤްރީރު ކުރައްވާފައެވެ. އެގޮތުން، ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލީސްތަކުގެ ޒިންމާ ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައިޕީޔޫގެ މިއަހަރުގެ އެސެމްބްލީގެ މައުޟޫއަކީ، ”އަންނަން އޮތް ޖީލުތަކަށްޓަކައި އުންމީދު އާލާކޮށް، ސުލްޙަ މަސަލަސްކަން ޤާއިމުކޮށް އަދި އިންސާފު ކަށަވަރުކޮށްދިނުން“ މިއެވެ. އެމަނިކުފާނުގެ ތަޤްރީރުގައި ތަޢުލީމާއި، ސިއްހީ ހިދުމަތާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ޝާމިލު ކުރުމުގެ ތެރެއިން ރައްޔިތުން، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުވުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އުންމީދުތަކަށް ނަތީޖާ ނެރެވޭ ފަދަ ޤާނޫނުތަކާއި، ސިޔާސަތުތަކާއި އަދި ބަޖެޓުތައް ބަދަލު ކުރުމުގައި ޤާނޫނު ހަދާ މަޖިލީސްތަކުން މުހިންމު ދައުރެއް އަދާކުރާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




