ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެފައިވާ ކަމަށާއި އެ އަދަދު މިދިޔަ މާރިޗް މަހު 92 އަށް އަރާފައިވާ ކަމަށް ފެމިލީ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލައިގައި، އަންހެން ކުދިންނާ ގުޅުންހުރި 60 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި 32 މައްސަލައެއް ހިމެނެއެވެ.
އެއަދަދާ ބަލާއިރު ފެބްރުއަރީ މަހު ރިޕޯޓުކޮށްފައިވަނީ އެފަދަ 74 މައްސަލައެކެވެ.
ފެމިލީ މިނިސްޓްރީން ބުނީ، މިދިޔަ ފެބްރުއަރީ މަހާ އެއްގޮތަށް މިދިޔަ މަހު ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 24 މައްސަލައެއް ހުށަހަޅައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 8 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 16 މައްސަލައެކެވެ.
ކުޑަކުދިންނަށް ކޮށްފައިވާ އެހެން ބާވަތްތަކުގެ އަނިޔާތަކަށް ބަލާއިރު، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 19 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 13 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 6 މައްސަލައާއި ޖިންސީ ގޮތުން ”ގްރޫމް“ ކުރުމުގެ 5 މައްސަލަ ވެސް ފެމިލީ މިނިސްޓްރީއަށް ހުށަހަޅައިފައިވެއެވެ. އަދި އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ ދެ މައްސަލައާއި އިންޓަނެޓް މެދުވެރިކޮށް ޖިންސީ ގޮތުން ”ގްރޫމް“ ކުރުމުގެ މައްސަލައަކާއި، ކުޑަކުދިންގެ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯގެ މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ފެމިލީ މިނިސްޓްރީން އާންމުކުރި އިތުރު ތަފާސްހިސާބުގައި ވަނީ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ ޖުމްލަ 50 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެގޮތުން، އެ ބާވަތުވެ 24 މައްސަލައެއް ވަނީ މިދިޔަ މަހު ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 18 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 6 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 12 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ މައްސަލަތަކެވެ.




