ޖުޑީޝަލް ސާވިސް ކޮމިޝަނަށްވުރެ، ޖުޑިޝަލް ކައުންސިލްގެ ދަށުން ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ބެލެހެއްޓުމަކީ ފައިދާބޮޑުކަމެއްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް އަދި މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޒާ އާދަމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ ޝަރުޢީ ދާއިރާއަކީ އެހެން ދާއިރާތަކާއި، އިދާރީ އެހެން އޮފީސްތަކާ ޚިލާފަށް ވަރަށް ތަފާތު މަސައްކަތްތަކެއް ކުރާ ދާއިރާއެއް ކަމަށެވެ. އެހެންކަމުން އެދާއިރާއަށް ބޭނުންވާ ކަންތައްތައް ރަނގަޅަށް ކަނޑައެޅިގެންދާނީ ފަނޑިޔާރުންގެ ބައިވެރިވުން ހިމެނިގެންކަމަށް ރިޒާ ވިދާޅުވިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުގެ ތެރެއިން ގިނައީ ޝަރުޢީ ދާއިރާގެ ބޭފުޅުން ނޫންކަން ފާހަގަކުރައްވައި ރިޒާ ވިދާޅުވީ، ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ޖުޑިޝަލް ކައުންސިލްގެ ދަށުން ބަލަހައްޓާނަމަ އޭގެ ފައިދާ މާ ބޮޑުވާނެކަމަށެވެ.
”ޝަރުޢީ ދާއިރާ ޖުޑީޝަލް ކައުންސިލްގެ ދަށަށް ގޮއްސިއްޔާ އެތަނުގަ ތިއްބަވާނީ ހުސް ޝަރުޢީ ދާއިރާގެ ބޭފުޅުން. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އިސް ފަނޑިޔާރުންގެ އިތުރަށް އުއްތަމަ ފަނޑިޔާރުގެ އިތުރަށް އެކި ކޯޓުތަކުން ނެގޭ ފަނޑިޔާރުންނާއި، މެޖިސްޓެރޭޓްކޯތުތައް ތަމްސީލުކުރާ ފަނޑިޔާރުން ތިއްބެވީމަ އޭގެ ހެޔޮ ފައިދާ މާ ބޮޑުވާނެ“ ރިޒާ ވިދާޅުވިއެވެ.
ޖުޑީޝަލް ކައުންސިލް އުފެދިގެންދާއިރު އިދާރީ ކަންކަން އިންތިޒާމްކުރުމަށާއި، ސިޔާސަތުތައް ކަނޑައަޅާ ކޯޓުތައް ހަރުދަނާކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށްދާނީ ޖުޑިޝަލް ކައުންސިލް އުފެދިގެންކަމަށް ޤަބޫލުކުރައްވާ ކަމަށް ރިޒާ ވިދާޅުވިއެވެ.



