ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ފައިޒަލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ސިޔާސަތުތައް ކަނޑައަޅާ މައި އިދާރާއެވެ.
ފައިޒަލް މަގާމުން އިސްތިއުފާ ދެއްވިކަން މިނިސްޓްރީ އޮފް ފިނޭންސުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އޭނާ މަގާމުން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ޑރ. ފައިޒަލްއަކީ ތައުލީމީ ގޮތުން ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. އޭނާ ވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަސިޓީ އޮފް ވެލިންޓަނުން ޕަބްލިކް ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.
ޕޭ ކޮމިޝަނުގެ އެސްޖީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފައިޒަލް ވަނީ ދައުލަތުގެ މުހިންމު އެކި މަގާމުތައް ފުރުއްވާފައެވެ.
އޭގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓާ އޮފް ޕާފޯމަންސް މެނޭޖްމަންޓްގެ މަގާމު ހިމެނެއެވެ.
ފައިޒަލް ސިވިލް ސާވިސްއާ ގުޅިވަޑައިގަތީ 1996 ވަނަ އަހަރު ރައީސް އޮފީހުގެ ރިސާޗް އޮފިސަރު ޓްރޭނީއެއްގެ ގޮތުގައެވެ.




