މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ޝަފީގް އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ހާމަކުރެއްވި ގޮތުގައި، މި މަޤާމުތަކަށް އައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ 2861، ޙުސެއިން ޝަފީގެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.
މިއީ މި ދައުރުގައި އެމްޕީއެލަށް އައްޔަންކުރާ ތިންވަނަ ވެރިޔާއެވެ.
މި ދައުރުގައި އެންމެ ފުރަތަމަ އެ މަގާމުގައި ހުންނެވި ވަޖީހު އިބްރާހިމް އައްޔަން ކުރީ 2023ވަނަ އަހަރުގެ ނޮވެމްބަރު 28ގައެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީގައެވެ.
އެއަށްފަހު ހަމަ އެ މަހު، އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީކަމުގެ މަގާމަށް އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ މުޙައްމަދު ރިޝްވާން އައްޔަންކުރިއެވެ.
ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ސަރުކާރުގެ ކުންފުނިތަކުން އެކި ބޭފުޅުން ވަކިކޮށް، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަނިކޮށް ރިޝްވާން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.




