އިދިކޮޅު އެމްޑީޕީ އިން ރޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އަނިޔާގެ ސަބަބުން ނޫން ކަމަށާއި އެއްވުން ކޮންޓްރޯލް ކުރުމުގައި ބާރުގެ ބޭނުންކޮށްފައި ނުވާނެކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ރޭގެ މުޒާހަރާގައި ކަރަންޓު މުގުރު ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ހާލަތު ގޯސްވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ފޮޓޯއާއި ވީޑިއޯތަކެއް ދައުރުވަމުންނެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

”އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ ގުޅުމެއް ނެތް. ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައެއް ނުވާނެ. އަދި އެއީ އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަން އަރުވަން“ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށެވެ. އެހެންކަމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް އިދާރާތަކަށާއި މީޑިއާތަކަށާއި އާންމުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



