ޕޯސްޓު ބިލްޑިންގުން ދެމުން އަންނަ ހިދުމަތްތައް، ސަރވިސް ސެންޓަރަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ޕޯސްޓްގެ މި ސަރވިސް ސެންޓަރ ގާއިމުކޮށްފައިވަނީ މ. އައިރިސް / އޯކިޑްމަގު، ގްރައުންޑް ފްލޮރގައެވެ. މި ތަން ހުންނާނީ ޖަސްޓިސް ބިލްޑިންގ ސީދާ ކުރިމައްޗަށް ވާގޮތަށެވެ.
އެތަނުގެ ޚިދުމަތް މިވަގުތު ދެމުންގެންދަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް ޕޯސްޓުން ބުނެފައިވެއެވެ.
އެތަނުން ޕޯސްޓް ކުރުމުގެ ޚިދުމަތާއި ޕާރުސަލް ދޫކުރުމާއި ޕޯސްޓުން ދޭ އެހެނިހެން ޚިދުމަތްތައްވެސް ލިބެން ހުންނާނެ ކަމުގައި ބުނެފައިވެއެވެ.
މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފީސްކުރިމަތިން މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މި ބަދަލަކީ ޕޯސްޓްގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށާއި ޕާރުސަލް ނެގުމަށް އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.




