ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމުގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާ ނާޒިމް، މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން މިދިޔަ ހޯމަ ދުވަހު ވަނީ ވަކިކޮށްފަ އެވެ.
އެއާއެކު، އޭނާގެ މަައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދާ ކަމަށް ވެސް އަޑުތައް ފެތުރުނެެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެ ސުވާލުކުރުމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެއީ ދޮގު މައުލޫމާތެއް ކަމަށާއި އެފަދަ އެއްވެސް ތަހުގީގެއް ހިންގަމުންނުދާ ކަމަށެވެ.
”ތިޔަ މައުލޫމާތު ދެއްވާ ފަރާތް ބަދަލުކުރަން ޖެހޭ. ރަނގަޅު މައުލޫމާތެއް ނޫން އެދެނީ އިނގޭތޯ. ރަނގަޅު މައުލޫމާތުދޭ ފަރާތްތައް ހޯދަންޖެހޭ. އެއްވެސް ހަގީގަތެއް އޮތް މައުލޫމާތެއް ނޫން އެއީ. އެއްވެސް ތަހުގީގެއް ނުހިންގަން“ ހޯމް މިނިސްޓަރު ވިދާޅުވިއެވެ.




