އިދިކޮޅު އެމްޑީޕީއަށް ޗެއަރޕާސަނެއް ހޮވުމުގެ އިންތިޚާބު އަންނަ ޖޫން މަހުގެ 12ވަނަ ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން މިހާރު ވަނީ މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، އަންނަ މަހުގެ 2ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެ އިންތިޚާބު އޮންނާނީ ޖޫން މަހުގެ 12ވަނަ ދުވަހުގެ މެންދުރު 2:00 އިން ރޭގަނޑު 8:00 އަށް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި މި އިންތިޚާބުގައި ވޯޓުލެވޭނީ، ރޭ ދަންވަރު 12:00 އާ ހަމައަށް އެ ޕާޓީގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް އެކަނި ކަމަށް ވެސް ބުންޏެވެ.
މި އިންތިޚާބުގައި ވާދަކުރެވެނީ ޕާޓީގެ މެންބަރުންގެ ތެރެއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވާ މީހުންނަށް ކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރިކޯޑާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ގޫގަލް ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީގޮތުން އެ މަޤާމާ ހަވާލުވެގެން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
ޗެއަރޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަން މިހާތަނަށް 3 ބޭފުޅަކު ވަނީ އިއުލާންކުރައްވާފައެވެ. އެއީ ކުރީގެ ރައީސް، މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އަދި އެ ޕާޓީގެ ކުރީގެ ޗެއާޕަރސަން އަލްހާން ފަހުމީއެވެ.




