ފާއިތުވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބުކުރުމުގެ ބޭނުމުގައި އެއްވެސް ކުށްވެރިޔަކު މި ސަރުކާރުން ދޫކޮށްލާފައިނުވާނެ ކަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ނިމުނު އިންތިހާބާ ދިމާކޮށް ޖަލުގައި ހުރި ކުށްވެރިޔަކު ދޫކޮށްލި ކަމުގައި ތުހުމަތުކޮށް ނޫސްވެރިޔަކު ކުރިމަތިކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާނު ވަނީ އެ އިޝާރާތްކުރި ކުށްވެރިޔާ މިނިވަންވި ގޮތް ތަފުސީލުކޮށް ބަޔާންކޮށްދެއްވާފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މީހަކު ބަންދުކުރުމާ ހަމައިން އެމީހަކާމެދު ޖިނާއީ އިޖުރާއާތުގައި ބަޔާންކުރާ އުސޫލުތަކަށް އަމަލުކުރުން ލާޒިމުވާ ކަމަށެވެ. އެ އުސޫލުތަކުގެ ތެރެއިން މީހަކު ބަންދުގައި ބެހެއްޓޭނެ ވަކި ދުވަސްތަކެއް އަދި ބަންދުގައި ބެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތްތަައް ބަޔާންވެފައިވާކަން އިހުސާނު ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި މީހާ ދޫކުރަންޖެހުނީ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި މީހަކު ހައްޔަރުކޮށް ބަންދުކުރުމަށްފަހު، ތަހުގީގު ފެށުމަށްފަހު ދައުވާކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ގޮތެއް ނިންމަންޖެހޭ މުހުލަތުކަމަަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ މުއްދަތު ފަހަނައެޅިއިރު ދައުވާކުރުމާމެދު ގޮތެއް ނުނިންމި ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނެތުމުން ކަަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
”މީހަކު ހައްޔަރަށް ނަގާ ހިސާބުން ފެށިގެން ޓައިމްލައިނެއް އެބަ ފެށޭ. އެ ޓައިމްލައިން ބައްލަވައިފިއްޔާ އެނގޭނެ މިއީ އިންތިޚާބާ ގުޅުންހުރި ނިންމުމެއް ނޫންކަން. އެއީ ޕީޖީން ދައުވާ އުފުލާނީތޯ ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީތޯ ކަނޑައަޅަން އޮތް ދުވަސް އެ ހިސާބަށް ދިމާވީމާ ވީކަމެއް“ ހޯމް މިނިސްޓަރު ވިދާޅުވިއެވެ.



