ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ އައު ހޯމް ފައިނޭންސިންއެއް ތައާރަފްކޮށްފިއެވެ.
ބީއެމްއެލްއިން ތައާރަފްކުރި އާ ހޯމް ފައިނޭންސިން ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން އިޚްތިޔާރުކުރާ ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް އެ ފެސިލިޓީ ފޯރުކޮށްދިނުމުގެ މަޤްސަދުގައިކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނީ، އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިން ރޭޓަކާއެކު ތަޢާރަފްކުރި އެ ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށެވެ.
އަދި މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި އަދި ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ވެސް ބުންޏެވެ.
ބީއެމްއެލްއިން ބުނީ، މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި ޑޮލަރުން މުސާރަލިބޭ ދިވެހިންނަށްކަމަށެވެ. އަދި އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށްވެސް ބަލާނެކަމަށާއި، އެ އާމްދަނީ ވާންޖެހޭނީ ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީއަކަށް ކަމަށެވެ.


