ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، ސަރުކާރު ހިންގާ ޕީއެންސީއާ މިއަދު ގުޅިވަޑައިގެންފިއެވެ.
”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ ޕީއެންސީއަށް މިއަދު ސޮއި ކުރެއްވި ކަމަށާއި އެ ޕާޓީއަށް ސޮއި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާއި ލީޑަރޝިޕްއާ ވަރަށް ގަޔާވެލައްވާތީ ކަމަށެވެ.
”ރައީސް މުޢިއްޒު އާއެކު ވަރަށް ގާތުން މަސައްކަތް ކުރަންވެސް ފުރުސަތު ލިބުނު މިދޭތެރެއިން. އެ މަސައްކަތް ކުރުމަށްފަހުގައި އަޅުގަނޑު ނިންމީ ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކުރަން ވަރަށް ރަނގަޅު ޕްލެޓްފޯމެއްކަމަށް ޕީއެންސީއަކީ. އަދި ރައީސް މުޢިއްޒުގެ ފިކުރާ އެއްގޮތަށް ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކުރަން އެންމެ ރަނގަޅު ގޮތަކީ އެގޮތް ކަމަށްވާތީ އަޅުގަނޑު ޕީއެންސީއާ ގުޅުނީ“ ޖާބިރު ވިދާޅުވިއެވެ.
މީގެއިތުރުން ޖާބިރު ވަނީ ޤައުމު ހެޔޮގޮތުގައި ހިންގުމަށް ޕީއެންސީއާ ގުޅުމަށް ހުރިހާ ޒުވާނުންނަށް ވެސް ގޮވާލައްވާފައެވެ.




