ދިވެހި ސަރުކާރާއި ރައްޔިތުންނަށް އިންޑިއާ ސަރުކާރުން މެދުނުކެނޑި ފޯރުކޮށްދެމުންދާ އިޤްތިޞާދީ އަދި މާލީ އެހީތެރިކަމުގެ ދަށުން، ރާއްޖެއަށް 319 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރޫޕީސް) ދޫކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ”ސާކް ޤައުމުތަކަށް ޚާއްޞަ ކަރަންސީ ސްވޮޕް އިންތިޒާމުގެ އޮނިގަނޑު“ ގެ ދަށުން މި ފައިސާ ދޫކުރުމަށް ނިންމާފައިވަނީ މީގެ ފުރަތަމަ ފިޔަވަހީގެ ދަށުންނެވެ. މިއީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރު.ބީ.އައި) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދިޔަ އެހީތެރިކަމެކެވެ.
މި އޮނިގަނޑުގެ ދަށުން މީގެ ކުރިން އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖެއަށް ދޫކުރި 400 މިލިއަން އެމެރިކާ ޑޮލަރުގެ މުއްދަތު 23 އޭޕްރިލް 2026 އަށް ހަމަވެފައިވާއިރު، 2024 އިން 2027 އަށް އެކުލަވާލާފައިވާ އައު އޮނިގަނޑުގެ ދަށުން މިހާރު ދޫކުރާ ރޫޕީ ސްވޮޕް ފެސިލިޓީގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުޛުތަކުގައި ބޮޑެތި ލުއިތަކެއް ހިމެނޭކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ.
2012 ވަނަ އަހަރު ސާކް ސްވޮޕް ފްރޭމްވޯކް ފެށުނީއްސުރެ، ރިޒާވް ބޭންކް އޮފް އިންޑިއާއިން ވަނީ ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.
މިއީ ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އެހީތެރިވެދޭ މުހިންމު ވަސީލަތެއްކަން ވަނީ ސާބިތުވެފައެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކުއްލި މާލީ އެހީތެރިކަމުގެ ގޮތުގައި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތަކުގެ މުއްދަތުވެސް އިންޑިއާއިން ވަނީ މިދިޔަ އަހަރު އިތުރުކޮށްދީފައެވެ.
އިންޑިއާ ހައިކޮމިޝަނުން އިތުރަށް ބުނެފައިވަނީ، އިންޑިއާގެ ”ނެއިބަހުޑް ފަސްޓް“ ސިޔާސަތާއި ”މަހާސާގަރު“ ތަޞައްވުރުގެ ދަށުން ރާއްޖެއަކީ އިންޑިއާގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ގާތް އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެ ޤައުމުން ވަނީ ދީފައެވެ.




