ފެނަކައިން ޔޫޓިލިޓީގެ ޚިދުމަތް ދެމުންދާ 3 އަތޮޅަކަށް ޚިދުމަތް ދޭން ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން މިހާރު ޚިދުމަތްތައް ދިނުމާއި އެ ޚިދުމަތްތައް ތަރައްޤީކުރުމުގެ ނިޒާމަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން، ބ އަތޮޅުން ފެށިގެން މ އަތޮޅުގެ ރަށްތަކުގެ ހުރިހާ ޔޫޓިލިޓީ ޚިދުމަތެއް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައިވާ ކަމަށެވެ.
މި ނިންމެވުމާއި ގުޅިގެން، އެ އަތޮޅުތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިވަގުތު ޚިދުމަތް ދެމުންދާ ބ، ޅ އަދި މ އަތޮޅުގެ ރަށްތަކަށް ޔޫޓިލިޓީ ޚިދުމަތްތައް ދިނުމާއި ހަވާލުވުމަށް ސްޓެލްކޯއިން މިއަދު ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ބ، ޅ އަދި މ އަތޮޅުގެ 25 ރަށުގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާއި ސްޓެލްކޯއިން ހަވާލުވުމަށް ވަނީ ހަމަޖެހިފައެވެ.
މިއާއިއެކު ގްރޭޓަރމާލެ، ބ، ޅ، ކ، އއ، އދ، ވ އަދި މ އަތޮޅު ހިމެނޭގޮތަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްތަކުގެ އަދަދު 61 ރަށަށް ފުޅާވެގެންދާނެއެވެ.




