މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މިޔަރުގެ ދެ ހަމަލާއެއްގައި ފަތުރުވެރިއަކާއި ދިވެހި ޒުވާނަކު ޒަޚަމްވެއްޖެއެވެ.
އޮންލައިން ނޫހަކުން ބުނެފައިވަނީ އއ. އަތޮޅު މަތިވެރި ކައިރީގައި އޮންނަ ”ޝާކް ޕޮއިންޓް“ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާއެއްގައި މިޔަރު ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ޗައިނާގެ އަންހެން ފަތުރުވެރިއަކަށް ކަމަށް އެ ނޫހަށް އެނގިފައިވާ ކަމަށެވެ.
އެ އަންހެން މީހާގެ އަތް ބުރިނުވެ އޮތީ ހަމަ ކިރިޔާ ކަމަށާއި އެ ހަމަލާއާ ގުޅިގެން އެމީހާގެ އަތުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހު ބޯވަ ނަގަން ގޮސް އުޅުނު ދިވެހި ފިރިހެނަކަށެވެ.
އެމީހާގެ އަތަށް މިޔަރު ހަމަލާ ދީފައިވާއިރު މާބޮޑު ޒަހަމެއް ލިބިފައިނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިޔަރުގެ އިތުރު ދެ ހަމަލާއެއް މިހާރު ފެންމަތިވީއިރު، މިދިޔަ ހަފުތާގައި ގއ. ކޫއްޑޫ ކައިރިއަށް ފީނަން ގޮސް އުޅުނު ފަތުރުވެރިއަކަށް މިޔަރު ހަމަލާދީ، އޭނާގެ ފައި ބުރިކޮށްލަން ޖެހުނު ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ.




