މޯލްޑިވްސް ބްލަޑް ސާވިސަސްގެ އައިސްއަލަމާރިއަކަށް މިދިޔަ އާދީއްތަ ދުވަހު ޓެކްނިކަލް މައްސަލައެއް ދިމާވިނަމަވެސް، އެއްވެސް މީހެއްގެ ގަޔަށް ތަޣައްޔަރުވެފައިވާ ނުވަތަ ކުނި ވެފައިވާ ލޭ ނޭޅޭކަން ސިއްހީގޮތުން ޔަގީންވާކަމަށް އެ ސާވިސަސްއިން ބުނެފިއެވެ.
ތެލެސީމިއާ ބަލި މީހުންތަކެއްގެ ގަޔަށް ކުނި ލޭ އެޅި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އެ ރިޕޯޓުތަކާ ގުޅިގެން މޯލްޑިވްސް ބްލަޑް ސާވިސަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އާދިއްތަ ދުވަހު ބްލަޑް ސާވިސަސްގެ ހިދުމަތްދީ ނިންމައި މަރުކަޒު ބަންދުކުރި ފަހުން ލޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަދާ ސިއްހީ ތަހުލީލްތަކާއި ކްރޮސް މެޗު ހަދައި ނިމި ރަނގަޅު މިންގަނޑުތަކެއްގައި ހުރިކަން ކަށަވަރުވުމުން ލޭ ރައްކާ ކުރުމަށް ބަހައްޓާ ފްރީޒަރު ނަންބަރު 2 ގައި، 6 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގެ ފިނި ހޫނުމިނުގައި ލޭ ރައްކާކޮށްފައި ވަނިކޮށް ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވިކަން އެނގުނީ އެ ރޭ އިދާރާ ބަންދުކުރި ފަހުން، އެ 10:11 ހާއިރު ކަމަށާއި އެކަން ފާހަގަވީ އެ ފްރީޒަރުގެ ޓެމްޕަރޭޗާ މޮނީޓާ ކުރާ އެލާޓް ސިސްޓަމުން އެލާޓު މެސެޖުތަކެއް ލިބެން ފެށުމުން ކަމަށް ވެސް ބްލަޑް ސާވިސްގެ ބަޔާނުގައިވެއެވެ.
މެސެޖްތައް ލިބެން ފެށުމުން ކަމާ ގުޅޭ ފަސް މުވައްޒަފަކަށް އެލާޓް ދިއުމުން ތިން މުވައްޒަފަކު ފްރީޒަރު ހުންނަ ކޮޓަރިއަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހާޒިރުވެ ސްޓޭންޑްބައި ފްރީޒަރަކަށް ޖުމްލަ 12 ލޭ ޕެކެޓް ބަދަލުކޮށްފައިވާ ކަމަށް ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ބޭނުން ކުރާ މެޑިކަލް ގްރޭޑް މެޝިނާއި އަދި އާލާތްތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން އަމަލު ކުރަން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެ ހާދިސާއާ ގުޅިގެން ޖެހިގެން އައި ދުވަހު ހެނދުނު ފްރީޒަރުގެ އިންޓާނަލް ސިސްޓަމްގައި ރިކޯޑް ކުރެވިފައި ހުންނަ ފިނިހޫނުމިން ހުރި ނެތް ގޮތުގެ އޮޓޮމޭޓަޑް ރިކޯޑުތައް ބެލުމާއި އެ ނޫން ވެސް މެންޑޭޓަރީ ޗެކުތައް ފުރިހަމަ ކުރުމަށް ޓްރާންސްފިއުޝަން ގުޅޭ ކޮލިޓީ މިންގަނޑުތައް ހިފެހެއްޓުމުގެ ޒިންމާ ހަވާލު ކުރެވިފައިވާ ފަންނީ މުވައްޒަފުންނާއި އަދި ހުޅުމާލެ ހޮސްޕިޓަލްގެ ކޮލިޓީ އިންޝުއަރެންސް ޑިޕާޓްމަންޓްގެ ފަންނީ ޓީމުން މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް ބަޔާނުގައިވެއެވެ.
އާންމު ގޮތެއްގައި ފްރީޒަރުގެ ޓެމްޕަރޭޗަރު ބަހައްޓަން ޖެހެނީ 2-6 ޑިގްރީއާ ދެމެދުގައި ކަމަށް ވިޔަސް ދެ ނަމްބަރު ފްރީޒަރުގެ ޓެމްޕަރޭޗަރު 11 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާކަން ފާހަގަވި ކަމަށް ބަޔާނުގައިވެއެވެ. އެ ހާލަތުގައި، 11 ޑިގްރީ އަށް ވުރެ މަތީގައި ފްރީޒަރުގެ ޓެމްޕަރޭޗަރު ހުރީ ކިހާ އިރެއް ވަންދެން ކަަމެއް ސިސްޓަމްގައި އޮޓޯއިން ލޮގް ކޮށްފައިވާ މައުލޫމާތުތަކުން ސާފުނުވި ކަމަށް ބްލަޑް ސާވިސަސްގެ ބަޔާނުގައިވެއެވެ.
ބްލަޑް ސާވިސަސްގެ ބަޔާނުގައި ވަނީ ނަމަވެސް ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވާ ގޮތަށް ޖުމުލަ ހަތަރު ގަޑިއިރު ވަންދެން ރައްކާތެރިކަމާ އެކު، ފްރީޒަރުގައި ލޭގެ ޕެކެޓުތައް ބެހެއްޓޭނެކަން ސިއްހީ މިންގަނޑުން އެނގެން އޮންނަ ކަމަށެވެ.
”އެހެންކަމުން 19 އޭޕްރީލް 2026 ވަނަ ދުވަހުގެ ރޭގަނޑު މުވައްޒަފުން ފްރީޒަރު ކައިރި އަށް ހާޒިރުވުމަށް ހޭދަވި ވަގުތާއި އަދި ސިސްޓަމްގައި ލޮގް ކުރެވިފައި ހުރި ފިނިހޫނުމިނުގެ ލޮގުތަކުގެ ވަގުތުތަކަށް ބަލާއިރު 2 ނަމްބަރު ފްރީޒަރުގައި ހުރި ލެޔަކީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރު ވެފައި ހުރި ލޭ ނޫން ކަމުގެ ޔަގީންކަން އެ ހާލަތުގައި ސިއްހީ ގޮތުން ބަލާއިރު އެނގެން އެބައޮތެވެ.“ ބްލަޑް ސާވިސަސްގެ ބަޔާނުގައިވެއެވެ.




