ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށްދާ މި ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.
މި ޕްރައިމަރީގައި ވޯޓުލުމަށްޓަކައި ދެ ސަރަހައްދެއްގައި ވަނީ ފޮށި ބަހައްޓާފައެވެ.
އެގޮތުން އައްޑޫ ސިޓީގައި ދިރިއުޅޭ މެންބަރުން ވޯޓުލުމަށް ހިތަދޫ ސްކޫލުގައި ފޮއްޓެއް ބަހައްޓާފައިވާއިރު، މާލެ އާއި އެހެނިހެން ރަށްރަށުން ރަޖިސްޓްރީވެފައިވާ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލޭގެ ކަލާފާނު ސްކޫލުގައެވެ.
ޕީއެންސީގެ ދަފްތަރުގައިވާ ގޮތުން މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 727 މެންބަރުންނަށެވެ.
މި ޕްރައިމަރީގައި ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ. އެއީ އެ ދާއިރާގެ ކުރީގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.
ސިނާންގެ ގޮނޑި ގެއްލުނީ، އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ކޯޓު ހުކުމާ އެއްގޮތަށް ނުދެއްކުމުގެ މައްސަލައިގައެވެ. މި މައްސަލައިގައި ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ.



