މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއާގެ ދަށުން ހިންގާ މެންޓަލް ހެލްތު ޑިޕާޓްމެންޓަށް ސޯޝަލް ސާވިސް ވޯކަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
އަމިއްލައަށް މަރުވުމުގެ ކޭސްތައް އިތުރުވެ، ނަފްސާނީ ދުޅަހެޔޮކަމުގެ މައުލޫގެ އަޑުގަދަވެފައިވަނިކޮށް، އެ މިނިސްޓްރީން ވަނީ ސީނިއާ ސޯޝަލް ސާވިސް ވޯކަރުންގެ މަގާމަށް 9 މީހަކު ހޯދަން މިއަދު އިއުލާނުކޮށްފައެވެ.
ހުޅުމާލޭގައި ހުންނަ އެ ޑިޕާޓުމެންޓަށް ހޯދާ މުވައްޒަފުންގެ މުސާރައަކީ މަގާމުގެ އެލަވެންސާ އެކު 17،982ރ. އެވެ. މީގެ އިތުރުން، ހާޒިރީ އެލަވެންސާއި އިތުރު ގަޑީގެ އިނާޔަތް ވެސް ލިބޭނެ އެވެ.
މި މަގާމުގެ ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:
° ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ހެލްޕްލައިން މެދުވެރިކޮށް އަދި ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފަދަ ފަރާތްތައް ދިރިއުޅޭ ހާލަތު ވަޒަންކުރުމަށް ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކުރުމުގެ މަސައްކަތް ރާވައި ހިންގުން
° ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން
° ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތެއްގެ ހައްގަކަށް އުނިކަމެއް ލިބިގެން ނުވަތަ ރައްކާތެރިކަމަށްޓަކައި ހުށަހެޅޭ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކުގެ އެސެސްމަންޓް ހަދައި އެކްޝަން ޕްލޭން ތައްޔާރުކުރުން
° ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ވަގުތީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަންޖެހޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅުން ހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރުން
° ބަލިމީހުންނަށް ދިމާވާ ކުއްލި ހަލާތްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުން
° ނަފްސާނީ ދުޅަހެޔޮކަން ހޯދައިދިނުމަށް އެޑްވޮކޭޓް ކުރުން
° ސަރުކާރުގެ އެހެން މުއައްސަސާތަކާއި އަމިއްލަ ޖަމާއަތްތަކާ ގުޅިގެން ނަފްސާނީ ސިއްހަތު ކުރިއަރުވާ ހޭލުންތެރިކުރުމަށް މަސައްކަތްކުރުން
މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 30ގެ ކުރިން މަގާމަށް ކުރިމަތިލާން އެދޭ ފޯމު ފުރިހަމަކޮށް، ތައުލީމީ ސެޓްފިކެޓުތަކާ އެކު ހުށަހަޅަން ޖެހެއެވެ.
މީގެއިތުރުން ހެލްތު މިނިސްޓްރީން ވަނީ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓުމެންޓަށް ލީޑް ސޯޝަލް ސާވިސް ވޯކަރެއް ހޯދުމަށް ވެސް އިއުލާނުކޮށްފަ އެވެ.




