ކަރަންޓް ޓެރިފް ރޭޓަށް މިވަގުތު އެއްވެސް ބަދަލެއް ގެނައުމުގެ ސިޔާސަތެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސާޢިދު މުސްޠަފާ ވިދާޅުވީ، ޓެރިފް ރޭޓަށް ގެންނަ ބަދަލެއްގެ ސަބަބުން ދައުލަތުން އެކަމުގެ ބުރަ އުފުލަން ޖެހިދާނެ ކަމަށެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްދަވަމުން ސާޢިދު ވިދާޅުވީ ހަކަތައަށް ސަރުކާރުން ކުރަންޖެހޭ ޚަރަދުތައް ކަނޑައެޅުމުގެ ތެރޭގައި ޓެރިފް ރޭޓަށް އިތުރު ބަދަލެއް ގެނައުމުގެ ސިޔާސަތެއް ނެތްކަމަށެވެ. އަދި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ޓެރިފްތަކަކީ ބައިނައަލްޤްވާމީ މިންގަނޑުތަކުން ބަލާއިރުވެސް، ވަރަށް ކުޑަ މިންވަރެއްކަން ވެސް ފާހަގަ ކުރެއްވިއެވެ.
މި ސަރުކާރު ހަވާލުވުމަށް މީގެ އަހަރެއްހާ ދުވަސްކުރިން މޭ މަހުގެ ފަހުކޮޅު ކަރަންޓު ޓެރިފް ރޭޓަށް ވަނީ ބަދަލު ގެނެސްފައެވެ. އެ ބަދަލުގެ ދަށުން ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓު ޓެރިފް ރޭޓުތައް ވަނީ ކުޑަކޮށްފައެވެ.
ސާޢިދު ވިދާޅުވީ، ޓެރިފް ރޭޓަށް ބަދަލު ގެންނައިރު ބަލަން ޖެހޭ ގިނަ ކަންކަން ހުންނަ ކަމަށެވެ. މިހާތަނާށް ސިޔާސަތު ކަނޑައެޅުމުގައި ބެލެވިފައި އޮތީ، ގޭބީސީތަކުގެ އާމްދަނީގެ ނިސްބަތުން ކަރަންޓު ބިލު ކުޑަވެ ނުވަތަ ބޮޑުވާކަމަށްކަމަށް ސާޢިދު ވިދާޅުވިއެވެ. ނަމަވެސް މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންނަ ހަޤީޤަތެއް ނޫންކަން ފާހަގަކުރައްވިއެވެ.
”މީހުން ގިނައިން ތިބޭ އެއް ކޮޓަރި ފިނި ކުރާނަމަވެސް އެއަރކޯން ކުރަން ޖެހޭ މަސައްކަތް ބޮޑުވާނެ. ހަމައެގޮތަށް އައުޓްޑޯ ޔުނިޓް ބެހެއްޓުމައްޓަކައި، ވަރަށް ގިނަ ގޭގޭގައި ފެނިވަޑައިގަންނަވާނެ މި ބެހެއްޓެނީ ވައިގޮޅީގައި. އޭގެ ސަބަބުންވެސް އެއަރކޯނުން ކުރަން ޖެހޭ މަސައްކަތް ބޮޑުވާތީވެ، ކަރަންޓުގެ ބިލް ވަރަށް ބޮޑުތަނުން ބޮޑުވޭ. އެހެންވީމަ އަޅުގަނޑުމެންނަށް ފެންނަނީ ޓެރިފް ރޭޓް ބަދަލުކުރުމަށް ވިސްނާކަމަށްވަންޏާ މީގެއިން ދިވެހި ދައުލަތުން ކުރަންޖެހޭ ހޭދަ މިއަށްވުރެ ބޮޑުވާނޭ.“ ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރ ސާޢިދު ވިދާޅުވިއެވެ.




