ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަދި ވިޔަފާރިވެރިޔާ ކޮލިގޭ އަލީ އުމަރު މަނިކު (ކޮލި އަލިމަނިކު) ހުވަފަތް އަނބިކަނބަލުން، ގ. އާކަކާގޭ ހަފްސާ ހިލްމީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިއަދުގެ އަސްރު ނަމާދަށް ފަހު ފުރްގާން މިސްކިތުގައި އޮންނާނެއެވެ.
އުމުރުން 89 އަހަރުގައި ހަފްސާ އަވަހާރަވީ ސިންގަޕޫރުގައި އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ ހަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވީ އެ ގައުމުގައެވެ.
ހަފްސާގެ ފިރިކަލުން މަރްހޫމް ކޮލި އަލިމަނިކަކީ ރާއްޖޭގެ މި ޒަމާނުގެ ތަރައްގީ އާއި ވިޔަފާރީގެ ކުރިއެރުމުގެ ބޮޑު ހިއްސާދާރެކެވެ.
މީގެއިތުރުން ހަފްސާ އަކީ، ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި މަދަރަސަތުލް ސަނިއްޔާގެ އަންހެން ގޮފި އުފައްދަވައި އަންހެން ކުދިންނަށް ޒަމާނީ ތައުލީމު ދެއްވަން ފެއްޓެވިއިރު، އެ ފުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބެޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
ހަފްސާގެ ބައްޕައަކީ، ރާއްޖޭގެ ސިޔާސީ ދާއިރާ އާއި ހާރިޖީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގެންނެވި ކަކާގޭ އިބްރާހީމް ހިލްމީ ދީދީ އެވެ. އެއްބަފާ ބޭފުޅުންގެ ތެރޭގައި ”ހީ އެންޑް ޝީ“ ގެ ފައުންޑާ ހަނީފާ ހިލްމީ ހިމެނެއެވެ.



