ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށްގެން، އިތުރު ދެ ވަދު ކަނދުފަތި އަންނަ ހަފްތާގައި އެޅުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި އަޅައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށްގެން އަޅާ ވަދު ކަނދުފައްޗެވެ. މި ކަނދުފަތިތަކުގެ ތެރެއިން އެންމެ ތަރުހީބު ބޮޑީ ވަދު ކަނދުފައްޗަށްކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ރަށްރަށުގެ ޒުވާނުންނާއި، ސީދާ ކައުންސިލްތަކުންވެސް އެރަށްރަށުގައި ވަދު ކަނދުފަތިތައް އަޅައިދިނުމަށް އެދެމުންދާ ކަމަށެވެ. އަދި ވަކި އުސޫލެއްގެ ދަށުން، އެންމެ ފައިދާވާނެގޮތަށް ބަލައިގެން ރަށްރަށުގައި އަލަށް ވަދު ކަނދުފަތިއެޅުމުގެ މަސައްކަތް ކުރިޔަށްދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަންނަ ހަފްތާގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތިތައް:
° ހއ. ފިއްލަދޫ (މަސްކަނދުފަތި)
° ހއ. ދިއްދޫ (މަސްކަނދުފަތި)
° ށ. ފުނަދޫ (މަސްކަނދުފަތި)
° ކ. މާފުށި (ވަދުކަނދުފަތި، މުޅިން އަލަށް)
° ނ. ޅޮހީ (ވަދުކަނދުފަތި، މުޅިން އަލަށް)
ފިޝަރީޒް މިނިސްޓްރީން ބުނީ، މި ސަރުކާރުން މިހާތަނަށް 90 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވާ ކަމަށެވެ.




