ރާއްޖޭގައި ނަފްސާނީ މައްސަލަތައް މިފަހަކަށް އައިސް އިތުރުވަމުންދާތީ، ސަރުކާރުގެ ބަޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ނަފްސާނީ ބަލިތަކަށް އެހީވުމުގެ ގޮތުން މެންޓަލް ހެލްތު ފެސިލިޓީއެއް ނުވަތަ ހޮސްޕިޓަލެއް އެޅުމަކީ އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރޭގައި ވެސް ހިމެނިގެންވާ ކަމެއް ކަމަށެވެ.
އެކަން ކުރަން ކުރިން ނިންމާފައިވާނީ ބޭރުންދޭ ލޯނެއްގެ އެހީގައި ކަމަށާއި ނަމަވެސް އެ ލޯނު ލިބުމަށް ގިނަ ދުވަސްތަކެއް ވާތީއާއި ނަފްސާނީ މައްސަލަތައް މިފަހަކަށް އައިސް އިތުރުވަމުންދާތީ، ސަރުކާރުގެ ބަޖެޓުން އެ ހޮސްޕިޓަލު އަޅަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”އެކަމަކު އޭގެ މާނައަކީ، ލޯނު ހަމަޖެހުމުން މިކަން ނުކުރާނެއެކޭ ނޫން. އަޅުގަނޑުމެން ބޮޑަށް ބަލާނީ ސިއްހީ ދާއިރާގެ އެހެން ކަމަކަށް އެ އެހީ ބޭނުން ކުރުމަށް، ނަމަވެސް އެ ނިންމުން އަދި ފައިނަލް ނުކޮށް، ފުރަތަމަ މި ބަލަނީ ސަރުކާރުގެ ބަޖެޓުގެ ދަށުން މި ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަށް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ލޯނު އެހީގައި އަޅަން ނިމި ފެސިލިޓީ އަޅަން އޮތީ ލ. ގަމުގައި ކަމަށާއި އެ ޕްރޮޖެކްޓު އެތަނުގައި ކުރިއަށް ގެންދިޔުން އެގޮތުގައި (ެކެންސަލް ނުކޮށް) ބާއްވާފައި މާލޭގައި އެ ފެސިލިޓީ އަޅަން ނިންމާފައިވާ ކަމަށެވެ.



