ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި މަރުވި 18 އަހަރުގެ އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެ ކުއްޖާގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރުމަކީ ގޯހެއް ކަމަށާއި، ނަމަވެސް އެއީ މަޖުބޫރީ ހާލާތުގައި މިނިސްޓަރު ކުރެއްވި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއުއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ ހާދިސާއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު އިހުސާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ކުއްޖާ، ފުލުހުންގެ މެންޓަލް ހެލްތު ސަޕޯޓާ ދެއްކި ބައެއް ވާހަކަތައް ލައިވް ޓީވީގައި ހިއްސާކުރައްވައިފައެވެ. އެއާއެކު ވަރަށް ގިނަ އާންމު ރައްޔިތުންނާއި، ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގަައި ހޯމް މިނިސްޓަރު އެ ދުވަހު ކަން ކުރެއްވި ގޮތާއި، މީގެ ކުރިން އަންހެން ކުއްޖަކު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކަންކުރި ގޮތާމެދު ރައީސް ދެކެވަޑައިގަންނަވާ ގޮތާމެދު ނޫސްވެރިއަކު ސުވާލުކުރުމުން، އެމަނިކުފާނު ވިދާޅުވީ ހާމަކުރި މިންވަރަށް ވެސް އެ ދެ ހާދިސާގައި މައުލޫމާތު ހާމަކުރީ މަޖުބޫރު ވެގެން ކަމަށެވެ.
”އެކަމު އެއީކީ ވެސް ރަނގަޅު ކަމެއް ނޫން. އެ ވެސް ނުދީވާނެ ގޮތްވާންޖެހޭނެ އަޅުގަނޑުމެންގެ ތެރެއިން އެ އަންނަ ޑިމާންޑް އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައޭ މި އޮންނަނީ ކޮންމެސް މީހަކު. އެކަމާ ހަވާލުވެފައި ހުރި މީހާ ނޫނިއްޔާ އޭނާގެ ދަށުން މަސައްކަތްކުރި މީހާ. ކޮންމެސް މީހަކު ގޯސް ހަދައިފި. ފުރަތަމަ ވެސް ގޯސް ހެދިކަމަށް މި ނިންމަނީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ވެސް ގޯހެއް ހެދިކަމަށް ނިންމުމުން، އެ މަސައްކަތެއް ކުރަން ހުންނަ އާދައިގެ މުވައްޒަފު، އޭނާ ގޯހެއް ނަހަދާކަމަށްވަންޏާ އިތުރު ޕްރެޝަރަކަށް ދާ ކަމަށެވެ. އަދި އޭނާގެ އާއިލާ ވެސް ނުރައްކަލަކަށް ހުށަހެޅޭ ކަމަށެވެ. އެހެންކަމުން މިއީ ވަރަށް އުނދަގޫ ހާލަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
”އެހެންވީމާ އެ ކުއްޖާ ކޭސްގައި އެ ދުވަހު އަސްލުގައި ހަމަ އެއްވެސް މައުލޫމާތެއް ނުދީ ވާންޖެހޭ ކަމެއް. އެކަމަކު އެކަމުގައި މަސައްކަތްކުރި ފަރާތްތަކަށް އެ އައި އިލްޒާމްތަކާއި ސޯޝަލް މީޑިއާގައި ޚާއްސަކޮށް ފަތުރަމުންދިޔަ ބައިވަރު ވާހަކަތަކުގެ ސަބަބުން އެ ކަމުގައި އުޅުއްވި ބޭފުޅުން ހަމަ ލިމިޓެޑް މައުލޫމާތުކޮޅެއް ދިނީ. އެކަމު އެވެސް އަސްލު ދީގެންވާނެ މައުލޫމާތެއް ނޫން. އިންޓަނޭޝަނަލް މިންގަނޑުތަކުގައި ކަމުދާކަމެއް ނޫންއެއީކީ. މި ޕްރޮފެޝަންގައި މަސައްކަތްކުރާ ބޭފުޅުން ވެސް ގަބޫލުކުރާ ކަމެއް ނޫން. އަދި އަޅުގަނޑު ވެސް ގަބޫލެއްނުކުރަން އެ ކަން ގޮތަށް ކުރަންޖެހޭނެ ކަމަކަށް“ ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް މިފަދަ ބައެއް ހާދިސާތަކުގައި ތަހުގީގީ މުއައްސަސާތަކުން ޒާތީ، މައުލޫމާތުތަކެއް ހާމަކުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރިއިރު، އެެއީ ކީއްވެކަން ހޯމް މިނިސްޓަރު އިހުސާން ޖަވާބުދާރީވެވަޑައިނުގަންނަވައެވެ.




