ކުރީގެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ޠާރިޤު އިބްރާހީމް އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވީ ހުސްވެފައިވާ ބައެއް ސަފީރުންގެ މަގާމުތަކަށް އައްޔަން ކުރެއްވުމަށް ކަމަށް، ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ތަރުޖަމާނު ވިދާޅުވީ އާދަމް ޝަރީފާއި، ޠާރިޤު އިބްރާހީމް އަދި ދިޔާނާ ފޮރިން މިނިސްޓްރީގެ މަގާމުތަކަކަށް ގެންނަން ވެގެން އާ މަގާމުތަކެއް އުފެއްދި ކަމަށް ބުނެ ވާހަކަތައް ދައްކަމުން އަންނައިރު، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
”އާ މަގާމުތަކެއް އުފައްދައިގެން ނޫޅޭ، އެބޭފުޅުން ކުރިއަށް އޮތް ތަނުގައި ސަފީރު ކަމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ. އެކަމަކު، ދެ ގައުމުގެ ދޭތެރޭގައި ހަމަޖެހެން ޖެހޭ ކަންތައްތަކެއް ހުރީމަ، އެކަންކަން ހަމަޖެހެންދެން އެ ބޭފުޅުން މަގާމުތަކުގައި ތިއްބަވާނީ، މިއީ މީގެކުރިން ވެސް އަމަލު ކުރަމުން އައި ގޮތެއް“ ތަރުޖަމާނު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ މަގާމުތައް ވަނީ ހުސްވެފަ އެވެ. އޭގެ ތެރޭގައި ޔޫއޭއީގެ ސަފީރުކަމާއި އިނގިރޭސި ވިލާތުގެ ސަފީރުގެ މަގާމުގެ އިތުރުން ބެލްޖިއަމްގެ ސަފީރުގެ މަގާމު ހިމެނެ އެވެ.
ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން އާދަމް ޝަރީފު އުމަރު އާއި ޠާރިޤު އިބްރާހީމް އިސްތިއުފާ ދެއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އިސްތިއުފާ ދެއްވި އިރު އާދަމް ޝަރީފް އުމަރު ހުންނެވީ ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރުކަމުގެ މަޤާމުގަ އެވެ. އަދި ޠާރިޤު އިބްރާހީމް ހުންނެވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުގަ އެވެ.



