މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް އެތައް މުވައްޒަފުންނެއް ނެގިކަމަށް ބުނެ ފެތުރެމުންދާ މައްސަލަ ބަލަން އެންގެވި ކަމަށާއި ނަމަވެސް އެއްވެސް އަދާހަމައެއް އަދި ނުލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލްއަށް ވަޒީފާއަށް ނެގުމަށް ފަހު، އެއްވެސް މަސައްކަތެއް ހަވާލު ނުކޮށް އެތައް މުވައްޒަފުންނަކަށް މުސާރަ ދޭކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ. އެ ފަދަ 85 މުވައްޒަފެއްގެ ނަން ހިމެނޭ ލިސްޓެއް ކަމަށްބުނެ ”ހަސަން ކުރުސީ“ ނަމަކަށް ކިޔާ އެކައުންޓަކުން ވަނީ ސޯޝަލް މީޑިއާގައި ލިސްޓެއް ވެސް ލީކުކޮށްލާފައެވެ.
މިދިޔަ ހަފުތާގައި ނޫސްވެރިން އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ، އެފަދަ ލިސްޓެއް އެ މަނިކުފާނުގެ ސަމާލުކަމަށް އައިސްފައިނުވާ ކަމަށެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެ ކަމާ ގުޅޭ ގޮތުން އެހުމުން ރައީސް ވިދާޅުވީ، އެ ލިސްޓާ ގުޅުން ހުރި ކަންކަން ބަލަން އަންގައިފައިވާ ކަމަށާއި، ”އެކަމުގެ އަޕްޑޭޓެއް އަދި ނެތް“ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.
”އެމްއޭސީއެލް އެކަންޏެއް ނޫން، ޖުމުލަކޮށް ހުރިހާ އެސްއޯއީތަކުގައި ވެސް މުވައްޒަފުންގެ އަދަދު މަދުކުރަން މިހާރު އެ އޮތީ ފިނޭންސް މިނިސްޓަރު ޕީސީބީއަށް އަންގާފައި،“ އެކަމާ ގުޅޭގޮތުން މިދިޔަ ހަފުތާގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.




