އެކާވީސް ދުވަހުގެ ތެރޭގައި، މި ސަރުކާރުން ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސް އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ހިނގާ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިއަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ދައްކާފައިވާނީ، ޤައުމަށް ޑީފޯލްޓެއް ކުރިމަތިވިޔަ ނުދީ، ހަރުމުދަލެއް ވިއްކާނުލައި، ރަހުނެއް ދޫކޮށްނުލައި އަދި ބަދަލުގައި ކުރިން ރަހުނުކޮށްފައިހުރި ތަންތަން ސަލާމަތްކުރައްވައިގެންކަމަށް ރައީސް ވިދާޅުވިއެވެ.
”މި ދަނޑިވަޅުގައި ސަރުކާރުން އަދާކުރަނީ ބޭރުގެ ދަރަނި އެކަންޏެއް ނޫން، ސަރުކާރުން ވެންޑަރުންނަށް ދައްކަން ހުރި ފައިސާ ދައްކަމުން، އެތެރޭގެ ދަރަނިވެސް ދަނީ އަދާކުރަމުން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން ނިމިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި ހިނގާ އެޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، އެކި އެކި ލޯކަލް ވެންޑަރުންނަށް ދައްކަން ޖެހިފައި ހުރި 3300 މިލިޔަން ރުފިޔާގެ ބިލުތަކަށް ވާ ފައިސާ ދައްކާ ޚަލާޞްކުރެވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މި މަހުގެ ބާކީ މި އޮތް ދުވަސްކޮޅުގައިވެސް، ލޯކަލް ވެންޑަރުންނަށް ދޭންޖެހޭ އިތުރު 260 މިލިޔަން ރުފިޔާގެ ބިލަށް ވާ ފައިސާ ދެއްކުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރާއި އެތެރޭގެ ދަރަނިތަކުން ޤައުމު ސަލާމަތްކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަނީ، ޤައުމުގެ އިޤްތިޞާދު ހަރުދަނާކޮށް، ރައްޔިތުންނަށް ގެއްލުމެއް ނުލިބޭނޭކަން ކަށަވަރުކުރައްވަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




