ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ އެކު، އަލުން ހުވާކުރެއްވި 14 މިނިސްޓަރަކަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް މުޢިއްޒު މިނިސްޓަރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން ނިންމީ ދެ މައްސަލައެއްގެ ގޮތުގައި ފޮނުވި ނަމަވެސް 14 މިނިސްޓަރުންގެ މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ދިރާސާކުރުމަށެވެ. އަދި، ހުރިހާ މިނިސްޓަރުންނަށް ވެސް ރުހުން ދިނުމަށް އެކުގައި ވޯޓަށް އެހުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވީ މި މަހުގެ 14 އަދި 15 ގައެވެ. އެ ގޮތުން، ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކޮށް، 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ފަސް އައު މިނިސްޓަރަކު އައްޔަން ކުރައްވާފައެވެ.
މީގެ އިތުރުން، ކުރިން ހިމެނިވަޑައިގެންނެވި ނުވަ މިނިސްޓަރަކު ވަނީ މިނިސްޓްރީތަކަށް ގެންނެވި ބަދަލުތަކާ އެކު އަލުން ހުވާ ކުރައްވާފައެވެ.
ރުހުން ދިނުމަށް ފާސްކުރި މިނިސްޓަރުން:
° މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް- މޫސާ ޒަމީރު
° މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ- ޢަލީ އިޙުސާން
° މިނިސްޓަރ އޮފް ފޮރިން އެފެއާޒް- އިރުތިޝާމް އާދަމް
° މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވޮލޮޕްމެންޓް- ޑރ. އިސްމާޢީލް ޝަފީޢު
° މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ- ޤީލާ އަލީ
° މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް- މުޙައްމަދު ސަޢީދު
° މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
° މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން- މުޙައްމަދު އަމީން
° މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް- ޢަބްދުﷲ ރާފިޢު
° މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް- ހީނާ ވަލީދު
° މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް- ޢަބްދުﷲ މުއްޠަލިބް
° މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ- ޢަލީ ޝަރީފް
° މިނިސްޓަރ އޮފް ޑިފެންސް- ޙަސަން ރަޝީދު
° ފިޝަރީޒް މިނިސްޓަރ- އަހުމަދު ޝިޔާމް




