ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދުއަޚްލާގީ އަމަލުތަކެއް ހިންގިކަމުގެ ބޮޑު ތުހުމަތުކޮށް، ”އަދަދު“ ނޫހުން ”އައިޝާ“ ގެ ނަމުގައި ޑޮކިއުމެންޓަރީއެއް ހެދި މައްސަލައިގައި، އެ ނޫހުގެ މެނޭޖިންގް އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓުވެސް ހިފަހައްޓައިފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ނޫހުން ވަނީ، ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ހަދާފައިވާ ޑޮކިއުމެންޓަރީއެއް އާންމުކޮށްފައެވެ. އޭގެ ފަހުން، އަދަދު ނޫހުން ރޭގައި ވަނީ އެ ޑޮކިއުމެންޓަރީގެ މައްސަލައިގައި ފުލުހުން އެ ނޫހުގެ އޮފީސް ބަލައިފާސްކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.
އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ރޭގައި އަމުރެއް ނެރެފައިވާއިރު، އެ ނޫހުގެ މެނޭޖިންގް އެޑިޓަރު ހަސަން ގެ ޕާސްޕޯޓުވެސް ހިފެހެެއްޓުމަށް މިހާރު ވަނީ އަމުރުކޮށްފައެވެ.
އަދަދު ނޫހުގެ އެޑިޓަރު ހަސަނުގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ އިއްޔެއިން ފެށިގެން އަންނަ 27 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަކަށެވެ. އެގޮތުން:
° ހަސަން ފުރުން މަނާކޮށް ކޯޓުން ނެރުނު އަމުރުގައި، އޭނާގެ ބައިވެރިވުން ޑޮކިއުމަންޓަރީ ނެރުމުގައި އޮތް ކަމަށް ތުހުމަތުކޮށްފައިވޭ
° ހަސަން ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ކޯޓު އަމުރުގައިވޭ
° ހަސަންގެ ޕާސްޕޯޓް ހިފެހެއްޓި ސަބަބުތަކުގެ ގޮތުގައި ކޯޓު އަމުރުގައި ހިމެނޭ ސަބަބުތަކަކީ އެ ނޫހުގެ ސީއީއޯ ފިޔާޒުގެ ވެސް ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރުގައިވާ ސަބަބުތައް
ފިޔާޒާއި ހަސަން ހިމެނޭ ގޮތަށް އަދަދު ނޫހުގެ މައްޗަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ ”ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ“ އެވެ. ފުލުހުން ހަވާލާދެނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ އާއި 612 ވަނަ މާއްދާއަށެވެ.
– 30 ވަނަ މާއްްދާ: ކުށުގެ ނިޔަތް އޮވެގެން ކުށެއް ކުރުމުގެ އަމަލު ހިންގާއިރު، މައުސޫމު/ޒިންމާއުފުލުމުގެ ގާބިލުކަމެއް ނެތް މީހަކު އެ އަމަލުގައި ބައިވެރިކުރުވުން؛ ނުވަތަ މީހަކު ކުރާ އަމަލަށް އެހެން މީހަކު މި ގާނޫނުގައި ނުވަތަ ކުށް ކަނޑައަޅާފައިވާ އެހެން ވެސް ގާނޫނުގައި ޒިންމާދާރުކުރުވާފައިވުން؛ ނުވަތަ ކުށްކުރި މީހާ ކުށްކުރިއިރު އޭނާއާ އެކު ބައިވެރިވި މީހެއް ކަމުގައިވުން
– 612 ވަނަ މާއްދާގެ (ހ): އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިހުރެ، ގާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާ ގޮތަށް މީހަކު ޒިނޭކޮށްފި ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ބުނެ މީހަކާ މެދު ތުހުމަތުކޮށް، އެ ވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން
– އެއީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް؛ އަސާސީ މިންގަނޑުން ބަލާއިރު، ސާބިތުވެއްޖެ ނަމަ، 1 އަހަރާއި ހަތް މަހުގެ ޖަލު ހުކުމަކާ އެކު 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު ދިނުން ހިމެނޭ




