ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭ ދުނިޔެއަށް މަޝްހޫރު ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް އަންނަން މާ ގިނަ ދުވަހެއް ދެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ މިހާރު އުރީދޫން ގެންދަނީ ޕޭޕަލްގެ އިންޓެގްރޭޝަން މަސައްކަތާއި ޓެސްޓިން ފޭސްގެ މަސައްކަތް ކުރަމުން ކަމަށެވެ.
”ދެން އޮންނާނީ ރަސްމީކޮށް ލޯންޗުކޮށް، ދިވެހިން ބޭނުންކުރަން ފެށުން. އަޅުގަނޑުގެ ހިތެއް ނުބުނޭ މާ ގިނަ ދުވަސް ވެދާނެއެކޭ،“ މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރެވޭނީ ސީދާ ކޮން ތާރީޚެއްގައިކަން މިނިސްޓަރު ވިދާޅެއްނުވެއެވެ.
ޕޭޕަލް ފަދަ ޒަމާނީ ޕޭމެންޓް ޚިދުމަތްތައް ތައާރަފުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން އިއުލާންކުރިއެވެ.




