ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ”އަދަދު“ ނޫހުން އުފައްދާފައިވާ ”އައިޝާ“ ވީޑިއޯ ޑޮކުމެންޓްރީގެ މައްސަލާގައި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރާފައިވާ އިޝާ އަޝްރަފުގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފިއެވެ.
މިދިޔަ މަހުގެ 28 ގައި އާންމު ކުރި އެ ޑޮކުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައި ރޭގެ ވަގުތަކުން ފެށިގެން ފިޔަވަޅުތައް އަޅަން ފަށައިފައެވެ.
ހުޅުމާލޭގައި އީޝާ ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އީޝާއަށް ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުކޮށްދީފައެވެ.
މި ސަރުކާރުގެ ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން ސަރުކާރުން ވަކިކޮށްފައިވާ އީޝާގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމުގެ އަމުރުކުރީ އިއްޔެއިން ފެށިގެން އަންނަ 26 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަކަށެވެ.
° ކޯޓު އަމުރުގައިވާ ގޮތުން، އީޝާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ޑޮކިއުމަންޓަރީ ތައްޔާރުކުރުމުގައި އީޝާގެ ބައިވެރިވުން އޮތް ކަމަށް
° އީޝާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ކޯޓު އަމުރުގައިވޭ
މި މައްސަލާގައި ފުލުހުން ރޭ ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި އެ ނޫހުގެ ބައެއް މުދާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް ވަނީ ތިން މަސްދުވަހަށް ހިފަހައްޓާފައެވެ.



