މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މިހާރު އަމަލުކުރަމުންދާ ”މީޑިއާ ކޮންޓްރޯލް“ ގާނޫނުގެ ދަށުން އުފެއްދި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ އާ ގަވާއިދު އެކުލަވައިލައި މިއަދު އަމަލުކުރަން ފަށައިފިއެވެ.
މި ގަވާއިދުގެ މަގުސަދުގެ ގޮތުގައި ބުނެފައިވަނީ، މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ހުށަހަޅާ ޝަކުވާތައް އިންސާފުވެރިކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލައި، ގާނޫނާއި ގަވާއިދާއި ހިލާފުވާ ހާލާތްތަކުގައި އެކަށީގެންވާ ފިޔަވަޅުއެޅުމެވެ.
އެ ގަވާއިދުގެ ދަށުން، ކޮންމެ ފަރާތަކަށް ވެސް މީޑިއާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ވެސް ބެލިދާނެ ކަމަށް ގަވާއިދުގައިވެއެވެ.
މި ގަވާއިދުގައިވާ ގޮތުން ކޮންޓެންޓަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅާ ނަމަ، އެ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. އެގޮތުން:
° މައްސަލައިގެ ތަހުގީގު މަރުހަލާގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭންޖެހޭ
° ޝަކުވާއެއް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައަކާ މެދު ކޮމިޝަނުން ގޮތެއް ނިންމަންޖެހޭނެ
ކޮމިޝަނުން ނިންމާ ނިންމުމާ މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ މައްސަލަ މުރާޖައާކުރަން ހަތް ދުވަސްތެރޭ ހުށަހެޅިދާނެ؛ މި ނިންމުން ނިންމާތާ ހަ މަސް ދުވަސް ދުވަހުގެ ތެރޭ ކޯޓަށް ހުށަހެޅިދާނެ
މި ގަވާއިދުގެ ދަށުން، ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، އެކަންކަމާ ހިލާފުވާ ނަމަ ވަކިވަކި ނޫސްވެރިންނަށް ވެސް ފިޔަވަޅު އެޅިދާނެ ކަމަށް މި ގަވާއިދު ބުނެއެވެ.




