ނޫސްވެރިންނަކީ ދޮގު ޚަބަރު ފަތުރާ ބަޔަކަށްވުރެ މާ ތަހުޒީބު، މާ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކެއް ކަމަށެވެ. ހަމަ މި ޙައްޤުތަކާއެކީ ޒާތީ ދިރިއުޅުމުގެ ޙައްޤާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤަކީވެސް ކޮންމެ ރައްޔިތަކަށްމެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކެއްކަމަށް ވިދާޅުވިއެވެ.
މިޙައްޤުތައް ކަށަވަރުވުމުގައި ޤައުމުގެ ވަލިއްޔުލްއަމްރު އިސްތިސްނާވެގެން ނުވާކަމަށާއި އަދި މިޙައްޤުތަކާއި މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކާއި މިންތައް ފަހަނައަޅައި، މީހުންގެ އަބުރު ކަތިލައި، ސާބިތު ހިފޭ ހެކި ނެތި ޒިނޭ އާއި ޤަޛްފުގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އެޅުވުމަށް ދެވޭ ލައިސަންސެއް ނޫންކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ޤަޛްފާއި ޒިނޭއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ 7 އުޑުމަތިން ބާވައިލެއްވި އިސްލާމީ ޝަރީޢަތުގައި އެކަންކަން ސާބިތުކުރުމަށް ހެކީގެ ވަކި ޚާއްސަ މިންގަނޑެއް ކަނޑައަޅައި، ޙައްދު ކަނޑައަޅާފައިވާ ކުށްތަކެއްކަމަށާއި އަދި އަބުރު ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެއް މަޤްސަދެވެ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމަށްވާއިރު، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު، އަދި ވަކިން ޚާއްސަކޮށް އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.




