އައްޑޫ ސިޓީ ފޭދޫ ސްކޫލް ލައިބްރަރީ ބޭރުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި އެވެ.
މި ހާދިސާގެ މައުލޫމާތު މިއަދު 08:20 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށް އެ ހިދުމަތުން ބުނެފައިވެ އެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 08:56 ހާއިރުކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، މި ހާދިސާގައި ފޭދޫ ސްކޫލްގެ ލައިބްރަރީއަށް ބޮޑެތި ގެއްލުންތަކެއް ލިބި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ސްކޫލްގެ ކިޔެވުން މެދުކަނޑާލާފައިވާ ކަމަށް ވެސް ބުންޏެވެ.
އައްޑޫސިޓީ ކައުންސިލް އިދާރާ އާއި ފޭދޫ އަވަށު އޮފީހާއި ގުޅިގެން ސްކޫލް ސާފުކޮށް އަލުން ބޭނުން ކުރެވޭ ހާލަތަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ފޭދޫ ސްކޫލަކީ އެ އަވަށުގެ ހަމައެކަނި ސްކޫލެކެވެ. އެތަނުގައި ކިޔަވާ ދަރިވަރުންގެ އަދަދު 500 އަށްވުރެ ގިނައެވެ. ފޭދޫ ސްކޫލް ހުޅުވާފައިވަނީ 1972 ގައެވެ.



