މިދުވަސްކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުން އަންނަ ވިއްސާރައާއެކު ރެއަކީ އާދަޔާ ހިލާފަށް ވިދާ ގުގުރި ރެއެކެވެ.
ރޭގައި މާލެ ސަރަހައްދަށް ވިދާ ގުގުރިއިރު، އެ ބިރުވެރިކަމާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނު އެއްބަޔަކީ ހުޅުމާލޭގެ ރައްޔިތުންނެވެ.
އެނގިފައިވާ ގޮތުގައި ރޭގެ ގުގުރުމާއި ޖެހި ގަދަ ވިދުވަރުތަކާއެކު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ހޮނު ވެސް އަޅާފައެވެ.
ބައެއް މީހުން ވަނީ ރޭގެ އެ ބިރުވެރި ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
އެގޮތުން އެކަކު ބުނެފައިވަނީ، ގުގުރާލާ ފަހަރަކު ގޭގެ ދޮރުތަކުގެ ބިއްލޫރިތައް ވެސް ތެޅިގަތް ކަމަށެވެ. އެހެން މީހަކު ބުނީ، ވަރަށް ގަދަޔަށް ވިދާލި ކަމަށާއި ވިދާލާއިރު ހީވީ ހަމަ ދުވާލުހެން ކަމަށެވެ. އަދި އިމާރާތްތަކުގެ މަތިން ބަލާލާއިރު ވަރަށް ބިރުވެރި އިހުސާސެއް ކުރެވޭ ކަމަށް ވެސް ބުންޏެވެ.
ރޭ 11 ޖަހާކަން ހާއިރު ވިދާ ގުގުރަން ފެށިއިރު، ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނެވެ. ވިދުވަރާ އެކު ހޮނު އަޅައި އިމާރާތަކަށް ގެއްލުން ލިބުނެވެ. އެ އިމާރާތުގެ ބޭރު ކޮންކުރިޓުގަނޑުން ބައެއް ނެއްޓުނު ނަމަވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ހޫނު ގަދަ މަސްތަކަކަށް ފަހު، ދެން އޮތީ ވިއްސާރަ ދުވަސްތަކެކެވެ. އަދި ހުޅަނގު މޫސުން ނުފެށޭތީ، މިއީ ”ދެ މޫސުން ބެދޭ ވިއްސާރަ“ ކަމުގައި މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ދެކެއެވެ.
މެޓުން ބުނި ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ އެވެ. ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބުންޏެވެ.




