ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޕްރައިމަރީ މިދިޔަ ހޮނިހިރު ދުވަހު ކާމިޔާބު ކުރެއްވި އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން، ބައި-އިލެކްޝަންގައި ވާދަ ނުކުރައްވަން ނިންމަވައި އޭނާގެ ޓިކެޓު މިއަދު ދޫކޮށްލައްވައިފިއެވެ.
އެއާއެކު ސިނާން މިހާރު ނިންމަވާފައިވަނީ އޭނާއާ އެކު ޕްރައިމަރީގައި ދެން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އަށް ތާއީދު ކުރެއްވުމަށެވެ.
މިކަމާ ގުޅޭގޮތުން ސިނާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ޕްރައިމަރީ އަށްފަހު، ދާއިރާގެ ގިނަ ބަޔަކާ މިދިޔަ ތިން ދުވަހު މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ވާހަކަތަކުގައި މި ފަހަރު ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން އެންމެ ފަހި ވާނީ އޭނާ ފަހަތަށް ޖެހި، އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެނިވަޑައިގެންނެވި ކަމަށް ވެސް ސިނާން ވިދާޅުވިއެވެ.
ސިނާނަށް ޕީއެނއސީގެ ޕްރައިމަރީގައި 226 ވޯޓު ލިބިވަޑައިގެންނެވިއިރު ސައީދަށް ހޯއްދެވުނީ 187 ވޯޓެވެ.
ޕޯސްޓުގައި ސިނާން ވިދާޅުވީ އިންތިހާބުގައި ވާދަނުކުރާނެކަން ޕާޓީގެ ރައީސާއި ލީޑަޝިޕަށް އަންގާފައިވާނެ ކަމަށާއި އަދި އެ ނިންމުން އިހުތިރާމާއެކު ބަލައިގެންފައިވާ ކަމަށެވެ.
”މާތްاللهގެ ހެޔޮރަހުމަތާއެކު ޕާޓީން ކެނޑިޑޭޓެއް ދެއްކިހާ އަވަހަށް އަޅުގަނޑު އެކެނޑިޑޭޓާއެކު ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހަށް ދާނަމެވެ. އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ ހުރިހާ ރައްޔިތުން އައު ރޫހެއްގައި އަޅުގަނޑާއެކު ނުކުމެ އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓް އިންތިހާބު ކޮށްދެއްވުމެވެ،“ ސިނާން ވިދާޅުވެފައިވެއެވެ.




