”އަދަދު“ ނޫހުން މިހާރު ރަނގަޅުވާނީ ނޫސްވެރިކަން ދޫކުރައްވައި، އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުން ކަމުގައި ވެރިކަން ކުރާ ޕީއެންސީން މިއަދު ބުނެފިއެވެ.
ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހިޔާލު ފުރަތަމަ ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
އެ ހިޔާލަށް ތާއީދުކުރައްވާ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، އެއީ ރަނގަޅު ހިޔާލެއް ކަމަށާއި ”އަދަދު“ ނޫހުން މިހާރު އެއޮތީ ނޫސްވެރިކަން ދޫކުރައްވައި ސިޔާސީ ޕާޓީއެއް އުފައްދަން ވެފައި ކަމަށެވެ.
”އެއިރުން އަޅުގަނޑަށް ހީވަނީ ދެންތިބި ނޫސްވެރިންގެ ބޮލުގައި އެޅޭ ބަދުނާމުތަކުން ވެސް ސަލާމަތް ވާނެހެން. އަދި އެއީ ދެންތިބި ނޫސްވެރިންނަށްވެސް ކޮށްދެވޭ ހެޔޮކަމެއްހެން“ މެންބަރު ފަލާހު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމްއާއި މެންބަރު ފަލާހު މިހެން ވިދާޅުވެފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށް މީހަކު ތުހުމަތުކޮށް ދީފައިވާ އިންޓަވިއުއެއް، ޑޮކިއުމެންޓްރީއެއްގެ ސިފައިގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ނެރުމާ ގުޅިގެންނެވެ.
”އައިޝާ“ ނަމަކަށް ކިޔާ އެ ޑޮކިއުމެންޓްރީގައި ރައީސްގެ އިސްތަށިފުޅުގައި ވަނީ ޒިނޭގެ ބޮޑު ތުހުމަތު އަޅުވާފައެވެ. އެހެންކަމުން މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
އެކަމާ ގުޅިގެން، އަދަދު ނޫސް ހިންގާ އިދާރާ ބަލައިފާސްކޮށް ބައެއް އިލެކްޓްރޯނިކް ވަސީލަތްތައް ގެންދިޔުމުގެ އިތުރުން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާއާއި މެނޭޖިންގް އެޑިޓަރު ހަސަން މުހައްމަދު މިއަދު ވަނީ ފުލުހަށް ހާޒިރުވެސް ކޮށްފައެވެ.



