އިދިކޮޅު އެމްޑީޕީން މީގެ ކުރިން ރާއްޖޭގެ އެކި ތަންތަނުގައި ހުޅުޖެހިކަމާއި އެކަން ކުރަން ހިތްވަރުދެއްވީ ކުރީގެ (އިސްތިއުފާ ދެއްވި) ރައީސް ކަމުގައި ޕީއެންސީގެ އެއް ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ”އަދަދު“ ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މީހަކު ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އަދަދު ނޫސް ކުށްވެރިކުރައްވާ ކަމަށެވެ.
އެކަމާ ގުޅިގެން އިދިކޮޅުގަައި މިވަގުތު ތިބި އެމްޑީޕީއާއި ޕީއެންއެފްއިން ވެސް ”އެއް އަޑަކުން“ ޖަވާބު ދެެއްވައިފިކަމަށް މިހާރު ބުނަމުން ދިޔުމާ ގުޅިގެން އެކަމާ ހައިރާންވެވަޑައިނުގަންނަވާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އެހުރިހާ ލީޑަރުން ފެނުނީ ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލު އިންތިހާބު ނިމެން އުޅެނިކޮށް ކަމަށާއި އެ އިންތިހާބުގައި މާބޮޑު ކާމިޔާބީއެއް ލިބުނުކަމަށް (އިދިކޮޅުން) ދެކިގެން އުޅުނުކަމުގައިވިޔަސް، އެއީ މާބޮޑު ކާމިޔާބީއެއް ނޫންކަން ވެސް މިނިސްޓަރު ސައީދު ފާހަގަ ކުރެއްވިއެވެ.
އެވާހަކަފުޅަށްފަހު މިނިސްޓަރު ސައީދު ވަނީ އިދިކޮޅު އެމްޑީޕީގެ ތާރީހަށް ކޮންމެވެސް ވަރަކަށް އަލިއަޅުއްވާލާފައެވެ.
”ދިވެހިރާއްޖޭގެ ޓޫރިޒަމް ބޯއިކޮޓް ކުރަންވެސް ގޮވާލީ އެމްޑީޕީން. ދިވެހިރާއްޖޭގެ ތަންތަނުގައި ހުޅުޖެހީވެސް އެމްޑީޕީން، އެމްޑީޕީގެ އިސްތިއުފާ ދެއްވާފަ ވަޑައިގެންނެވި ރައީސް ހިތްވަރު ދެއްވައިގެން ކުރިކަމެއް ކަމަށް ފެންނާނެ ހެކިތަކެއް ހުންނާނެ މީޑިއާތަކުންނާއި ރިޕޯޓުތަކުން ވެސް. އަދި ރާއްޖޭގައި ހަމަނުޖެހުމެއް ހިންގަން އެންމެ އިސް ދައުރެއް އަދާ ކުރާ ބަޔަކީވެސް އެމްޑީޕީ“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އިސްތިއުފާ ދެއްވި ރައީސް ކަމުގައި މިނިސްޓަރު ސައީދު ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށެވެ. ރާއްޖޭގެ އެކި ތަންތަނުގައި އެމްޑީޕީން ހުޅު ޖަހާފައިވަނީ 2012 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު، ވެރިކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމަށްފަހު، ޖެހިގެން އައި ދުވަހު (8 ފެބްރުއަރީ 2012) ގައެވެ.



