ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު މާކެޓުގައި އަދިވެސް ދަށަށް ދާތަން ނުފެންނަ ކަމަށާއި ނަމަވެސް މިހާރު ހުރީ ތެލުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓިފައި ކަމަށް ފިނޭންސް މިނިސްޓަރު ފިނޭންސް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ތެލުގެ އަގުތައް ހުރީ ގާތްގަނޑަކަށް ހިފެހެއްޓިފައި ކަމަށާއި ނަމަވެސް މާކެޓުގައި މާބޮޑަށް ދަށަށް ދާތަން ނުފެންނަ ކަމަށެވެ.
”ހަނގުރާމައިގައި މީހުން މެރުމާއި ތަންތަން ހަލާކު ކުރުން މިވަގުތު ހުއްޓާލާފައިވީނަމަވެސް، އިޤްތިޞާދީ ގޮތުން ދެވެން ހުރި ގެއްލުން ދޭން ދެ ފަރާތުން ވެސް މަސައްކަތް ކުރަމުން ދާކަމަށް ޤަބޫލުކުރެވޭ“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެއަށް ތެޔޮ ގެނައުމަށް އެއްވެސް ދަތިކަމެއް ނުފޯރާ ކަމަށެވެ.




