ރާއްޖެއަށް ބޭސް އެތެރެ ކުރުމަށް ސްޓޭޓް ފާމަސޫޓިކަލްސްއަށް މިއަހަރުގެ މެދުތެރޭގައި އެއްކޮށް ހަވާލުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެ ކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ސްޓޭޓް ފާމަސޫޓިކަލްސްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި އެކުންފުނިންވަނީ ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ މަސައްކަތް މިއަހަރު ފަށާފައެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ މަސައްކަތް ކުރުމަށް ސްޓޭޓް ފާމަސޫޓިކަލްސްއާ ހަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިއަަހަރުގެ މެދުތެރޭގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭސް ލިބުން ދަތިވާ މައްސަލައަށް މިހާރުން މިހާރަަށް ގެންނަންޖެހޭ ބަދަލުތައްވެސް ސަރުކާރުން ގެންނަމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް ރާއްޖެއިން ނުލިބޭ ބޭސްތައް އައިޖީއެމްއެޗުގައި ހުރި ފާމަސީއަށް ގެނައުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްސްއިން ކުރަމުންދާނެ ކަމަށެވެ. އަދި ބޭސް ސިޓީ ލިބޭތާ 14 ދުވަހުގެ ތެރޭގައި ބޭސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.
”ބޭނުންވާ މަޢުލޫމާތު ދިނުމާއި، މިހާރު ހުރި ދަތިތައް ރައީސް މި އެޅުއްވި ފިޔަވަޅާއެކު ޙައްލު ވެގެންދާނެ. ހުރިހާ ބްރޭންޑެއްގެ މެޑިސިންއެއް މާކެޓުގައި ނުހުރޭ. ޖެނެރިކް މެޑިސިން ހުރޭ. އެކަމަށް ޙައްލު ހޯދަދިނުމަށްޓަކައި މަސައްކަތް ކުރަމުންދަނީ. މީގެ ފައިދާ ލިބެން ފަށާނެ.“ މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.



