މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ޕްރިޒަން އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.
އިއްޔެ ކަރެކްޝަންސް އިން ކުރި އިއުލާނުގައި ބުނީ ޕަބްލިކް ރޭންކިން 3ގެ މަގާމަށް ދާއިމީ އޮފިސަރުން ބޭނުންވާ ކަމަށެވެ. އެކަމަކު ބޭނުންވަނީ ކިތަން މީހުންނެއް ކަމެއް ބުނެފައެއް ނުވެ އެވެ.
އެ މަގާމުގެ އަސާސީ މުސާރައަކީ 6،050ރ. ކަމަށާއި އެލަވަންސްގެ ގޮތުގައި 5،555ރ. ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
މަގާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަން ޖެހެނީ މާފުށީ ޖަލު، އައްސޭރި ޖަލުގެ އިތުރުން އަލަށް އަޅަން ނިންމާފައިވާ އޯޕަން ޕްރިޒަން އައިލެންޑްގައެވެ.
މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކުކަމުގައިވުން ހިމެނެއެވެ.
ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު އަންނަ މަހުގެ 14ގެ ކުރިން ލިޔެކިޔުންތަށް ހުށަހެޅުމަށް ކަރެކްޝަނުން އެދިފައިވެ އެވެ. އިއުލާނުގައިވާ ގޮތުން، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ މީހުންނަށް އެކަންޏެވެ.
އޯޕަން ޕްރިޒަން އައިލެންޑް ކޮންސެޕްޓުގައި މުޅިރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި އެރަށުގައި ގައިދީންނަށް ދިރިއުޅެ، މަސައްކަތްތައް ކުރެވޭ ގޮތަށް ރީހެބިލިޓޭޝަނަށް ފޯކަސްކޮށްގެން ރަށެއް ތަރައްގީކުރުމަށް ރައީސް ވަނީ ނިންމާފައެވެ.




