ޝްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ އާދިއްތަ ދުވަހު އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
އާދީއްތަ ދުވަހުން ބުދަ ދުވަހުގެ ނިޔަލަށް ރައީސް ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ބައެެއް މިނިސްޓަރުން އަދި ސަރުކާރުގެ ބައެއް ވެރިންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ލަންކާގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ރައީސް ޑިސަނަޔަކެއާ އެކު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި، ޝްރީ ލަންކާގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.



