ކުރިން ލިބިފައިވާ ފްލެޓާއި ގޯތި ދޫކޮށްލާފައި އަލުން ކުރިމަތިލާ މީހުންނަށް ”ބިންވެރިޔާ ހާއްސަ ސްކީމާ ގުޅޭ އުސޫލުން“ ކެޓަގަރީއެއް ހާއްސަކޮށް، އެ ކެޓަގަރީގެ ބޯހިޔާވަހިކަމަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުްސިން މިނިސްޓްރީން ރޭގައި ބުނެފިއެވެ.
ކުރިން ލިބިފައިވާ ފްލެޓާއި ގޯތި ދޫކޮށްލާފައި އަލުން ކުރިމަތިލާ މީހުންނަށް ހާއްސަ ކެޓަގަރީއެއް ހިމަނައި ”ބިންވެރިޔާ ހާއްސަ ސްކީމާ ގުޅޭ އުސޫލު“ އިސްލާހުކޮށް އިއްޔެ ވަނީ އާންމުކޮށްފައެވެ. އަދި ހާއްސަ ސްކީމުގެ ތިން ކެޓަގަރީއެއް ވެސް މިހާރު ވަނީ ހިމަނާފަ އެވެ.
އެއީ:
° ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން
° ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން
° ކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުން
މި އުސޫލަށް ބޯހިޔާވަހިކަން ދޫކޮށްލާ މީހުންގެ ކެޓަގަރީ އިތުރުކޮށް ރޭ ނެރުނު އުސޫލުގައިވާ ގޮތުން، އެ ކެޓަަގަރީގެ ދަށުން ބޯހިޔާވަހިކަމަށް ހުށަހެޅޭނީ، ވަކިން ނުވަތަ ޖޮއިންޓް އެޕްލިކޭޝަނަކުން ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓު ލިބިފައިވާ މީހުން، އެތަންތަން ދޫކޮށްލުމަށް އެއްބަސްވެ، ވަކި ވަކިންނެވެ.
އެގޮތުން މި އުސޫލުގެ ދަށުން އެ ކެޓަގަރީގައި:
° ގޯތި ދޫކުރަނީ ރަސްމާލެއިން އަދި ފްލެޓު ދޫކުރާނީ ގްރޭޓާ މާލެ ސަރަހައްދުން
° ފްލެޓުތައް ދޫކުރާނީ އެފޯޑަބަލް ހޯމް އޯނާޝިޕް މޯޑެލްގައި އެއްފަހަރާ ފައިސާ ދައްކާގޮތަށް އަދި ރެންޓް ޓު އޯން މޮޑެލްގައި މަހުން މަހަށް ފައިސާ ދައްކައިގެން މިލުކުކުރެވޭ ގޮތަށް
° ރެންޓު އޯން މޮޑެލަށް ޝަރުތު ހަމަވާނީ ކޮންމެ މަހެއްގެ އާންމުދަނީއަށް 60،000ރ.އަށް ވުރެ މަދުން ލިބޭ ނަމަ
° ޖޮއިންޓުކޮށް ހުށަހަޅަައިގެން ބޯހިޔާވަހިކަން ލިބުނު އެންމެން ކުރީގެ ގޯއްޗާއި ފްލެޓު ދޫކޮށްލަން އެއްބަސްވެ، ވަކިވަކިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ، ނޫންނަމަ ދެން ހުށަހެޅި މީހާގެ އެޕްލިކޭޝަން ބާތިލުވާނެ




