”އަދަދު“ ނޫހުން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިގެން ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރެއްވި ފަހުން ނޫސްވެރިންނާ އެކު މުންދު މިއަދު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން ވިދާޅުވީ ”އަދަދު“ ނޫހުގެ ޑޮކިއުމެންޓްރީއާ ގުޅޭ ފުލުހުންގެ ތަހުގީގަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގައިވައިގެން ކުރާ ތަހުގީގެއް ނޫން ކަމަށާއި އެކަން ތަހުގީގުކޮށްދޭން ސަރުކާރުން ވެސް އެދިފައި ނުވާނެ ކަމަށެވެ.
”މިހާރު ހިނގަމުންދާ އިންވެސްޓިގޭޝަނަކީ، އެކެއް، ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކުރި ކަމެއް ނޫން. ދޭއް، ސަރުކާރުން އަންގައިގެން ކުރި ކަމެއް ނޫން. ދެ އިންވެސްޓިގޭޝަނެއް، ދެ މައްސަލައެއް އެބަ ބަލާ އަދަދު ނޫހުގެ“ މުންދު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަލަން ޕީޖީން އެންގީ މި އޭޕްރިލް މަހުގެ 19 ވަނަ ދުވަހުގައެވެ.
ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދު އޮންލައިނުން ހެދި ”އައިޝާ“ ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒަށް ގަޒްފުގެ ތުހުމަތު ކޮށްފައިވާ ކަމަށް ފުލުސް އޮފީހުން އެ ނޫހުގެ އިސްވެރިންނަށް ފޮނުވި ޗިޓުގައިވެ އެވެ. އެ މައްސަލާގައި އަދަދުގެ އޮފީހަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަދެ ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ.
އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް އިއްޔެ ހާޒިރުކޮށް ވަނީ ބަޔާން ނަގައިފައެވެ.




