ހައި އެޗީވާސް ސްކޮލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވައިލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޕޯސްޓެއްގައިވަނީ، 2025ވަނަ އަހަރުގެ ހައި އެޗީވާސް ސްކޯލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމަށް، އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުޅުވައިލައިފައެވެ.
”ކުރި“ ޕޯޓަލް މެދުވެރިކޮށް، ހައި އެޗީވާސް ސްކޯލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލެވޭނެ ކަމަށް، މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ މަހެއްހާ ދުވަސްކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ހައި އެޗީވާސް ސްކޯލާޝިޕް ދޭ އުސޫލަށް ބަދަލު ގެނެސްފައެވެ.
އެގޮތުން، މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލްއިން މަދުވެގެން އެއް މާއްދާއިން ’އޭ ސްޓާ‘ ހޯދުމުން ކަމަށް، އުސޫލުގައިވެއެވެ.
އުސޫލުގައިވާ ގޮތުން، ހައި އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލް، ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ތިން މާއްދާއިންނާއި، އެޗްއެސްސީ އިސްލާމާއި ދިވެހި މާއްދާއާއެކު ޖުމްލަ ފަސް މާއްދާގެ ތެރެއިން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ލިިބުމުންނެވެ. އަދި އަނެއް ހަތަރު މާއްދާއިން ދަށްވެގެން އޭ ގުރޭޑް ލިބުމުންނެވެ.
އަރަބިއްޔާ ސްކޫލުގައި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންނަށް ކުރިން އޮންނަނީ، ޝަހާދާ ސާނަވިއްޔާގައި އެ ދަރިވަރަކު ކިޔެވި ސްޓްރީމްގެ ހުރިހާ މާއްދާއަކުން ’އޭ‘ ފާސް ހޯދުމުން، ހައި އެޗީވާސް ސްކޯލާޝިޕް ލިބޭ ގޮތަށެވެ.
އެކަމަކު އުސޫލަށް އައި ބަދަލާއެކު، ހައި އެޗީވާސް ސްކޯލާޝިޕް ބޭނުންނަަމަ، ޢަރަބިއްޔާ ސްކޫލުގައި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުން ޝަހާދާ ސާނަވިއްޔާ، ނުވަތަ ގްރޭޑު 11 އާއި 12ގައި އެ ދަރިވަރަކު ކިޔެވި ސްޓްރީމްގައި ކޮންމެހެން ކިޔަވަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފައިވާ މާއްދާތަކާއި، އެޗްއެސްސީ ދިވެހި ހިމެނޭހެން، އެ ތަނުން އެއް މާއްދާއިން ”އޭ ސްޓާ“ ހޯދައި، ދެން ހުރި މާއްދާތަކުން ’އޭ‘ ފާސް ހޯދަން ޖެހޭނެއެވެ.



