މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި މުދަލު ޒަކާތަށް ޖުމްލަ 45.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ، 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 34.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ ކުރިއެރުމެކެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2024ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025ވަނަ އަހަރު މި އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އަރާފައެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، މި ކުއާޓަރުގެ 3 މަހަށް ވަކިން ބަލައިލާއިރު، ކޮންމެ މަހަކު ވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ މާރިޗް މަހުގައެވެ.



