ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމަށް މއ. ޔެލޯބޯލް، މުހައްމަދު ނިޒާރު އައްޔަނު ކުރައްވައިފިއެވެ.
ނިޒާރު އެ މަގާމަށް އައްޔަނު ކުރައްވާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމުންނެވެ.
ޕީސީބީން މިރޭ ބުނީ އަނަސްގެ އިސްތިއުފާ ރައީސް މުހައްމަދު މުއިއްޒު ގަބޫލުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރެ އެވެ. އަނަސް ޕީސީބީގެ ރައީސަކަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ މާރިޗު މަހު ގައެވެ.
ޕީސީބީގެ ރައީސަކަށް މިހާރު އައްޔަނު ކުރައްވާފައިވާ ނިޒާރު ވަނީ މީގެ ކުރިން 2014 އިން 2019 އަށް އެ ބޯޑުގެ ރައީސްކަން ކުރައްވައިފައެވެ.
ނިޒާރު ވަނީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ ހާސިލްކުރައްވައިފަ އެވެ.
ނިޒާރުގެ ތަޖުރިބާ އާއި ހިދުމަތްތައް:
° ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވޭ
° ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި އެ ކުންފުނިތަކުގެ ހިންގުން މޮނިޓާކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެއް
° އެސްޓީއޯގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި
° މޯލްޑިވް ގޭސްގެ ބޯޑު މެންބަރުކަން ކުރެއްވި
° ރިސްކް މެނޭޖްމަންޓް، ޕްރޮކިއުމަންޓް، އަދި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައި ވެސް މަސައްކަތް ކުރެއްވި



