ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދި ފަހުން ގެންނެވި ކެބިނެޓު ބަދަލުތަކުގެ ތެރެއިން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓްރީ އުވާލައްވައި، އެ އިދާރާގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ފިނޭންސް މިނިސްޓްރީގެ ދަށަށް ރަސްމީކޮށް ބަދަލުކުރައްވައިފިއެވެ.
މި ބަދަލު ގެންނެވި ސަބަބު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ ހުރިހާ ދާއިރާއަކާ ވެސް އެންމެ ބޮޑަށް ގުޅިފައިވާ މިނިސްޓްރީއަކީ ފިނޭންސް ކަމަށްވާތީ، ކައުންސިލްތަކުގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް އެންމެ އެކަށީގެން ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކަމަށެވެ.
އެހެންކަމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ ހައިސިއްޔަތުން ކައުންސިލްތަކުގެ ކަންކަމުގައި ދެން ސީދާ ޒިންމާވެވަޑައިގަންނަ މިނިސްޓަރު ޒަމީރެވެ.
ސަރުކާރުން މިހާރު އާންމުކޮށްފައިވާ ފިނޭންސް މިނިސްޓްރީގެ އައު މެންޑޭޓުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަކީ ދެން އެ ވުޒާރާގެ ކަމެކެވެ. މިއާއެކު، ކުރިން ސިޓީތަކާބެހޭ ވުޒާރާއަށް ފޮނުވަމުންދިޔަ ރަސްމީ ލިޔެކިޔުންތަކާއި ހުށަހެޅުންތައް މީގެ ފަހުން ފޮނުވަން ޖެހޭނީ ސީދާ ފިނޭންސަށެވެ.




