ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފިއެވެ.
ހުފު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް، މިއަދުގެ މެންދުރުފަހު 2:00 އިން ފެށިގެން މިރޭ 8:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ، އެ ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހުމާ އެކު، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ހުޅަނގު މޫސުން ފެށެން ކައިރިވުމާ އެކު، ދެ މޫސުން ބެދޭ މި ދުވަސްވަރާ ދިމާކޮށް ދޭތެރެއަކުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.
މިދިޔަ ބުދަ ދުވަހު މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވިދައި، ގުގުރައި އަދި ހުޅުމާލޭގެ ބައެއް ތަންތަނަށް ހޮނު ވެސް އެޅި އެވެ.
ހުޅަނގު މޫސުން ފެށެން ކައިރިވުމާ އެކު، އާންމު ގޮތެއްގައި މެއި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރެ އެވެ.




