”މޯލްޑިވްސް އެކްސްޕޯ 2026“ ގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު 31 އޮގަސްޓުގެ ނިޔަލަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވަނީ ހުޅުވާލާފައެވެ.
މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެއެވެ.
މިއަހަރުގެ މައުރަޒުގައި އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ތައުލީމުދޭ މަރުކަޒުތަކާއި، ރަށް ނުވަތަ ސިޓީ ކައުންސިލްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.
ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަހަރު އެޕްލިކޭޝަން ހުށައެޅުން ހަމަޖައްސާފައިވަނީ ފޭސްއައުޓްކޮށް ފިލްކުރަންޖެހޭގޮތަށް ކަމަށެވެ. މާނައަކީ 31 އޮގަސްޓުގެ ކުރިން ބައިވެރިވާ ފަރާތުގެ އަމިއްލަ މައުލޫމާތާއި، ކުރިމަތިލާ ގިންތިއާއި އަދި ބައިވެރިކުރާ ތަކެތީގެ އަދަދު އެކަނި ޖަހާލުމުން ފުދޭނެކަމަށެވެ. މީގެ އެންމެ މުހިންމު ބޭނުމަކީ އުފެއްދުމުގެ މައުލޫމާތު މި މަރުހަލާގައި ނޭންގުނުނަމަވެސް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ދިނުންކަމަށް ސާމިހު ވިދާޅުވިއެވެ.
”މިހާތަނަށް އަންނައިރު ބައެއް ފަރާތްތަކަށް ފަހަރެއްގައި އަދި ޔަޤީންނުވެ ހުރެދާނެ ތިމަންނަ ކޮންމެ ޕްރޮޑަކްޓެއްތޯ ލާނީ. އެހެންވީމަ އެ ވިސްނުމަށް ބަލާފައި މިހާރު އަޅުގަނޑުމެން މިހާރު މި އިނީޝިއަލް ފޭސްގައި މިޖެހެނީ އެބޭފުޅެއްގެ ޕާސަނަލް އިންފޮމޭޝަންއާއިއެއްކޮށް ހަމައެކަނި މި މެންޝަން ކޮށްލަންޖެހެނީ އަޅުގަނޑުމެންގެ މި ހުރި ގިންތިތަކުގެ ތެރެއިން ކޮން ގިންތިއަކުންކަމާ ކުރިމަތިލާންޖެހެނީ ކިތައް ޕްރިޑަކްޓްކަން. އޭގެ ބޭނުމަކަށް މިވަނީ އަސްލު މި ސްޓޭޖްގައި އަޅުގަނޑުމެންނަށް ވަރަސް މުހިންމު ކިތައް ޕްރޮޑަކްޓްކަން ބައިވެރިވާނީ އިނގުން.“ ސާމިހް ވިދާޅުވިއެވެ.
އޮގަސްޓު 31ގެ ކުރިން ބައިވެރިވުމަށް އެޕްލައިކުރެވޭއިރު 15 ސެޕްޓެމްބަރާ ހަމައަށް އުފެއްދުމުގެ ތަފްސީލް ހިމެނޭނެއެވެ. އަދި 30 ސެޕްޓެންބަރު ގެ ކުރިން އުފެއްދުމާއި ބެހޭ ތަފްސީލް ހިމެނުމަށް ފުރުސަތު ލިބޭނެކަމަށް ބީސީސީއިން ވަނީ ވިދާޅުވިއެވެ. މިހާތަނަށް އައިއިރު މި މައުރަޒަށް 180 އެޕްލިކޭޝަނެއް ލިބިފައިވާކަމަށް ބީސީސީން ވިދާޅުވިއެވެ.



