ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުންކޮށްގެން، ބޭރުގެ އޭޓީއެމްއާއި ޕީއޯއެސް މެޝިންގައި ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދައި، ކޮންމެ މީހަކަށް ވެސް ޓީމޫ ފަދަ ވެބްސައިޓްތަކުން ޓްރާންސެކްޝަންތައް ހެދޭނެ ވަކި އަދަދެއް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވަނީ މިހާރު ބެންކަން ގަންނަން ލިބޭ ޑޮލަރަށް ވުރެ، ވިއްކަން ޖެހޭ ޑޮލަރު އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން، ބެންކުން ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގައި ތިބޭ މީހުންގެ ކާޑު، ކާޑުގެ ވެރިފަރާތާއި ނުލައި ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތް ހަމަޖެއްސުން ހިމެނޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅުން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
މީގެ ސަބަބުން، ބޭންކުން ވަރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ވިއްކަން ޖެހޭ ކަމަށާއި އާންމުންގެ ޒަރޫރީ ބޭނުންތަަކަށް ބޭރު ފައިސާ ފޯރުކޮށްދޭން މިއީ ވެސް ދައްޗެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
”މިފަދަ ހާލަތްތަކުގައި ވަރަށް މަދު ބޭފުޅުންނަށް ވަރަށް ގިނައިން ޑޮލަރު ބޭނުންކުރެވޭ ކަމަށް ވަންޏާ އެހެން ބޭފުޅުންނަށް އެ ދޭންޖެހޭ ހިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވޭ. ބޭނުނަކީ ކޮންމެވެސް ކަހަލަ ފިޔަވަޅުތަކެއް އަޅައިގެން ހުރިހާ ބޭފުޅުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތްތައްް، އެއްވެސް އެހެން ހިދުމަތަކަށް ބުރުލެއް ނާރާނެ ގޮތަކަށް ދިނުން،“ އޭނާ ވިދާޅުވި އެވެ.
”… ކުރިން މިދެންނެވި ފަދަ މަދު ސައިޓުތަކުން ވިޔަފާރިތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުން. އޯޕަންކޮށް އެއްވެސް ލިމިޓެއް ނެތި އޮންނާނިއްޔެއް ނޫނޭ.“
އީކޮމާސްއަށް ކޮންމެ ދުވަހަކު ހޭދަކުރާ އަދަދު އެއްކޮށް އުވާނުލާ، ބައެއް ސައިޓުތަކަށް ދުވާލަކަށް ބަޖެޓެއް ކަނޑައެޅީ ހުރިހާ ރައްޔިތުންނަށް ވެސް އޭގެ ފައިދާ ކުރާނެ ގޮތަކަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.
”އަޅުގަނޑުމެން ބޭނުންވީ މިހާރު މި އިތުރުވެގެންދާ ވަރު ކޮންޓްރޯލު ކުރަން،“ އޭނާ ވިދާޅުވި އެވެ.
ކޮންޓްރޯލު ކުރާ ވެބްސައިޓުތަކުގެ ތެރޭ ހިމެނެނީ ޝީއިން އަދި ޓީމޫ ފަދަ ވެބްްސައިޓުތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ:
° އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަނަށް ވުރެ އިތުރަށް ބޭނުންކުރަނީ ކަސްޓަމަރުންގެ %3އަށް ވުރެ ވެސް މަދުން
° އީކޮމާސްއަށް ކަނޑައަޅޭ ބަޖެޓް ވީހާ ވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30އަށް ކަނޑައަޅާނެ
° ޑޮލަރު ކާޑަށް މީގެ އެއްވެސް އަސަރެއް ނުކުރާނެ
ޝަރީފް ވިދާޅުވީ މިހާރު ގިނަ ކްރެޑިޓް ކާޑު ގެންގުޅުނު ނަމަވެސް އެ ކަސްޓަމަރަށް ލިބެނީ ބޭރު ފައިސާގެ ޓްރާންސެކްޝަންތައް ހެދުމަށް ހުރިހާ ކާޑަކަށް ޖުމްލަ އަދަދެއް ކަމަށާއި އެހެންވެ ގިނަ ކްރެޑިޓް ކާޑު ގެންގުޅުނު ނަމަވެސް އަހަރީ ފީ، އެންމެ ކާޑަކުން ނަގާ ގޮތަށް ވެސް ނިންމާފައިވާ ކަމަށެވެ.




